ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމަ 32 ވަނަ ދުވަހަކަށް ދެމިގެން ގޮސްފައިވާއިރު، ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ ކުޅަދާނަކަން އެމެރިކާގެ އަސްކަރިއްޔާއަށް ލިބިފައިނުވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑަައިގަންނަވާކަން ހާމަވެއްޖެއެވެ. އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި ވަނީ ފެބުރުވަރީ 28 ގައި ފެށި ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުންނެވެ. މިއާއެކު، ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު، އެމެރިކާގެ އިޤުތިޞާދަށް ވެސް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ޙަވާލާދީ އެ ޤައުމުގެ ނޫސް، ވޯލް ސްޓްރީޓް ޖަރނަލުން ބުނީ، އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވައިނުލި ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށް އޭނާ ތައްޔާރަށް ހުންނެވި ކަން، އޭނާގެ މުޝީރުންނަށް އަންގަވާފައިވާ ކަމުގައެވެ. ޓްރަމްޕްގެ މުޝީރުން ވަނީ އެ ސަރަޙައްދު ހުޅުވަން މަސައްކަތްކޮށްފި ނަމަ، އެމެރިކާއިން ކަނޑައެޅި ހަތަރެއް ނުވަތަ ހަ ހަފުތާގެ ތާވަލަށްވުރެ ހަނގުރާމަ ދިގުލައިގެންދާނެ ކަމުގެ ބިރު އޮތް ކަން ހާމަކޮށްފައެވެ. މިއީީ، އީރާނުގެ ވަރުގަދަ ދިފާޢީ ބާރުގެ ކުރިމަތީގައި އެމެރިކާއަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ.
ހަނގުރާމައިގެ ނިވާފަތްގަނޑުގައި އެމެރިކާއާއި ޞަހްޔޫނީންގެ ފައުޖުން ދަނީ ތެހެރާނާއި އިސްފަހާނުގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައްދީ، އީރާނުގެ އަސްކަރީ ޤާބިލިއްޔަތު ނައްތައިލުމަށް ކަމަށް ބުނެ، ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. މަދު ހަފުތާތަކެއްގެ ތެރޭގައި އެމެރިކާގެ އަސްކަރީ ލަނޑުދަނޑިތައް ހާސިލުވާނެ ކަމުގައި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެފައިވީ ނަމަވެސް، އީރާނަށް އަމާޒުކޮށް ޓްރަމްޕް އަދިވެސް ދެއްވަމުން ގެންދަވާ އިންޒާރުތަކާ އެކު މަސްރަޙު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގެ ހަކަތައިގެ ވަސީލަތްތަކާއި ފެނުގެ ނިޒާމު ސުންނާފަތިކޮށްލާނެ ކަމުގައި ޓްރަމްޕް ވިދާޅުވުމަކީ، އީރާނުގެ ސާބިތުކަމުގެ ކުރިމަތީގައި އެމެރިކާގެ ނުކުޅެދުންތެރިކަން ހާމަވާ ކަމެއްގެ ގޮތުގައި ވެސް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އަނެއްކޮޅުން، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ކޮމިޝަނަކުން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ޓެކުހެއް ނެގުމަށް ނިންމައި، އެ ސަރަޙައްދުގެ ފުރިހަމަ ބާރު އީރާނަށް އޮތް ކަން ސާބިތުކޮށްދީފައެވެ. ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، މިއީ ގަލްފް އަދި ޢަރަބި ޤައުމުތަކުގައި އަސްކަރީ މަރުކަޒުތައް ޤާއިމުކޮށް، އެ ތަންތަނަށް ވެރިވެގަނެފައިވާ އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ބިންތަކުން ބޭރުކުރަންވީ ވަގުތު ކަމުގައެވެ. އެމެރިކާގެ މަޝްވަރާތަކަށް އެއްވެސް އިތުބާރެއް ނެތްކަން ހާމަކުރައްވައި، އީރާނުގެ ދިފާޢުގައި އެ ޤައުމުގެ އިސްވާރުން ސާބިތުކަމާއެކު ތިއްބެވި ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.