ޚަބަރު

އެފޯޑަބަލް ހައުސިން: އިތުރު 364 ޔުނިޓުގެ ބިންގާ އަޅައިފި


  • މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވި

  • މި މަސައްކަތް ކުރިއަށްގެންދާނީ އަމީން ކޮންސްޓްރަކްޝަނާޢި ހަވާލުކޮށްގެން

ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

މި ހައުސިން ޔުނިޓުތައް އިމާރާތްކުރުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަޕަރސަން އަހުމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމްގެ އިތުރުން، އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ މުޙައްމަދު އިރުފާނާއި، އިބްރާހީމް އިމްރާން ޢަބްދު اللهގެ އިތުރުން އެކުންފުނީގެ ސެކްރެޓަރީ އިބްރާހީމް ނިހާދުއެވެ.

މި 364 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. އަމީން ކޮންސްޓްރަކްޝަނަކީ ރާއްޖޭގައި ފުޅާދާއިރާގައި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެކެވެ
އަމިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން 2 ޓަވަރު އިމާރާތްކުރާއިރު އޭގެ ތެރޭގައި ހިމެނެނީ 3 ކޮޓަރި ހިމެނޭ ފްލެޓްތަކެކެވެ. އެތަންތަނުގެ ޖަގާއިގެ ބޮޑު މިނަކީ 900 އަކަފޫޓެވެ.

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާރޓްމަންޓުތަކެކެވެ.

ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 3ގައެވެ. އެއީ، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2960 ހައުސިން ޔުނިޓެވެ. އަދި މި ހުރިހާ ޔުނިޓުތަކުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

ބީއެމްއެލްގެ ހައުސިން މަޝްރޫޢުގެ ޔުނިޓްތައް އިމާރާތްކުރާނީ، މިދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަޤުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ، ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.