ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތަކީ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް ދިވެހި ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ގައުމީ މަޝްރޫއެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހުރިހާ އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށްވެސް ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިވަނީ އިތުރު 540 ޔުނިޓް ގާއިމްކުރުމަށް ނިންމާފައި. އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ، ގާބިލު ދިވެހި ކުންފުންޏަކާ، ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުން. އެހެންކަމުން މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމްލަ 3800 ޔުނިޓް ތަރައްގީކުރެވިގެންދާނެ. އުއްމީދަކީ ދާދި އަވަހަށް އެ 540 ޔުނިޓްގެ މަސައްކަތްތައްވެސް ފެށިގެން ދިޔުން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެމްއެމްއޭއިން އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންއަށް ކަނޑައަޅުއްވާފައިވާ ގަވާއިދުގެ ތެރެއިން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިންގ ކުންފުނިން އިމާރާތްކުރާ ޔުނިޓްތަކަށް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް، މި ސްކީމްގައި ކަނޑައެޅިފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އުއްމީދަކީ ކުރިއަށް އޮތްތާނުގައިވެސް، އެހެން ބެންކުތަކުންވެސް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގައި ބައިވެރިވުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެހެން ބެންކުތަކުން މި ސްކީމްގައި ބައިވެރިވެއްޖެނަމަ، މިހާރު މި ގާއިމްކުރާ 3800 ޔުނިޓްގެ ތެރެއަށް ޔުނިޓްތައް އިތުރުވެ، ޖުމްލަ 5000 ޔުނިޓް ހަމަވާނެކަމަށް އަޅުގަނޑަށް ލަފާކުރެވޭ." ޝަރީފް ވިދާޅުވިއެވެ.
އިމާރާތްކުރުމުގެ ދާއިރާއަކީ ރާއްޖޭގެ ޖީޑީޕީއަށް ދެވަނައަށް އެންމެ ބޮޑު ހިއްސާ އަދާކުރާ ދާއިރާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި ގާއިމްކުރާ 3800 ހައުސިންގ ޔުނިޓަށް ގާތްގަނޑަކަށް 5.7 ބިލިޔަން ރުފިޔާ އިންވެސްޓްކުރެވޭނެ ކަމަށެވެ. އަދި އަންދާޒާއަކީ މި އިންވެސްޓްމަންޓާއެކު، އިމާރާތްކުރުމުގެ ދާއިރާއިން ނޮމިނަލް ޖީޑީޕީ އަށް %3 ކުރިއެރުމެއް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.