ޚަބަރު

ޕޮލެންޑް ބަލިކޮށް ސްވިޑަން ވޯލްޑްކަޕަށް


ވޯލްޑްކަޕް ޕްލޭއޮފްގައި ރޭ ޕޮލެންޑް އާއި ދެކޮޅަށް ސްވިޑަން ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއެކު 3-2 ގެ ނަތީޖައަކުން ޕޮލެންޑް ބަލިކޮށް ސްވިޑަން އިން ވޯލްޑްކަޕްގެ ޖާގައެއް ހޯދައިފި އެވެ.

ސްވިޑަންގެ ސްޓްރޯބެރީ އެރީނާގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 19 ވަނަ މިނިޓުގައި ސްވިޑަންގެ އެންތަނީ އެލަންގާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ސްވިޑަން އިން ލަނޑު ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 33 ވަނަ މިނިޓުގައި ޕޮލެންޑްގެ ނިކޮލާ ޒަލެންސްކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ސްވިޑަންގެ ގުސްޓާފް ލެގަބިއެލްކޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ޕޮލެންޑް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ކެރޯލް ސްވިޑާސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ޖާގައެއް ސްވިޑަން އަށް ކަށަވަރުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ވިކްޓަރ ގިޔޮކޯރެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ސްވިޑަން އިން އެންމެ ފަހުން ކޮލިފައިވެފައިވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕަށެވެ.