ޚަބަރު

ޖެހިޖެހިގެން ތިންވަނަ ވޯލްޑްކަޕުގެ ފުރުސަތު އިޓަލީއަށް ގެއްލިއްޖެ


ވޯލްޑްކަޕް ޕްލޭއޮފް ފައިނަލުގައި ބޮސްނިއާ ހޭޒްގޮވީނާ އާއި ދެކޮޅަށް ކުޅުނު މެޗުން އިޓަލީ ބަލިވެ ޖެހިޖެހިގެން ތިންވަނަ ވޯލްޑްކަޕުގެ ފުރުސަތު އިޓަލީއަށް ގެއްލިއްޖެ އެވެ.

ހަތަރު ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ އިޓަލީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގެ އިތުރުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕަށްވެސް ކޮލިފައިވެފައެއް ނުވެއެވެ. މީގެ ކުރިން ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އެއްވެސް ގައުމެއް ޖެހިޖެހިގެން ތިން މުބާރާތަށް ކޮލިފައިނުވެ ގޮސްފައެއް ނުވެއެވެ.

ބޮސްނިއާ ހޭޒްގޮވީނާގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާތީ މި މެޗުގެ ނަތިޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޖެނާޜޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އިޓަލީ އިން މެޗު ފަށައިގެން މެޗުގެ ފުރަތަމަ ހާފުގައިވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އިޓަލީ އިންނެވެ. މި ލަނޑު މެޗުގެ 15 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޯލޯ ބަރެއްލާ ދިން ޕާހަކުން މޮއިސް ކީން އެވެ.

އިޓަލީ އަށް މި މެޗުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް އިޓަލީގެ ޑިފެންޑަރ އަލެސަންދްރޯ ބަސްޓޯނީ ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން އެއް ކުޅުންތެރިއަކު މަދުކޮށް އިޓަލީ އިން ކުޅެން ޖެހުމުންނެވެ.

އިޓަލީ އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ފައިދާ ނަގާ މެޗުގެ 79 ވަނަ މިނިޓުގައި ބޮސްނިއާ ހޭޒްގޮވީނާގެ ހެރިސް ޓަބަކޮވިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައިވެސް މެޗުގެ ނަތީޖާއަށް ބަދަލެއް އައިސްފައިނުވާތީ ޕެނަލްޓީ ޖެހިއިރު އިޓަލީ އިން ފުރަތަމަ ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ނަމަވެސް ބޮސްނިއާ ހޭޒްގޮވީނާ އިން ވަނީ އެ ޓީމުން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށް 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ދެވަނަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވި ބޮސްނިއާ އިން މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ކެނެޑާ, ގަތަރު އަދި ސްވިޒަލޭންޑް އެވެ.