ޚަބަރު

ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލުވޭ: ޓްރަމްޕް


ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ ކަމަށާއި، ނަމަވެސް އެ ޤައުމު "އިހު ޒަމާނުގެ" ޙާލަތަށް ވައްޓައިލުމުގެ ގޮތުން ބޮން އެޅުން ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މަހެއްހާ ދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމަ ނިންމާނެ ސީދާ ތާރީޚެއް ހާމަކުރެއްވުމަށް ޓްރަމްޕް ވަނީ އިންކާރު ކުރައްވާފައެވެ.

ބުދަ ދުވަހު ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އީރާނުގެ އަސްކަރީ ބާރު ކެނޑިފައިވާ ކަމުގައި އަނެއްކާވެސް ދަޢުވާ ކުރައްވާފައެވެ. އަދި، އެ ޤައުމުގެ މަދަނީ ބިނާރާއި ކަރަންޓު އުފައްދާ މަރުކަޒުތައް ސުންނާފަތިކޮށްލުމަށް އޭނާ ވަނީ އިތުރު އިންޒާރެއް ދެއްވާފައެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ބަންދުވުމާއި ތެލުގެ އަގު އުފުލުމުގެ ޒިންމާ އީރާނުން އުފުލަން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މި ހަނގުރާމައަށް ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) އެހީތެރިކަން ނުލިބުމުން އޭނާ ވަނީ އެ ކަމާ މެދުވެސް ކަންބޮޑުވުން ފާލުކުރައްވާފައެވެ.

އީރާނުން ޔުރޭނިޔަމް ރައްކާކޮށްފައިވާ ތަންތަނާއި ޚާރިގް ރަށް ފޭރިގަތުމަށް އެމެރިކާއިން ރާވަމުންދާއިރު، ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ޓްރަމްޕްގެ އެންމެ ފަހުގެ ޚިޠާބަށް މަރުޙަބާ ކިޔާފައެވެ. ސަބަބަކީ، ޔަހޫދީންގެ ނިޔަތަކީ އެމެރިކާގެ އެހީތެރިކަމާއެކު އީރާންގެ މުޅި މުޖުތަމަޢު ބިކަކޮށްލުމެވެ. ނަމަވެސް، ޔަހޫދީންގެ ރަށްތަކުން ކެނޑިނޭޅި އިންޒާރުގެ ރަނގަބީލުގެ އަޑު އިވެމުން ދިޔުމަކީ އެމެރިކާއާއި ޔަހޫދީންގެ އިސްތިޢުމާރީ ބާރުތަކުގެ ކުރިމަތީގައި އީރާނުގެ ސާބިތުކަން ގުޑުވައިލެވިފައި ނުވާކަމުގެ ހެއްކެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.