ޚަބަރު

ސްކޭޓަރުންގެ އުއްމީދުތަކާއި ގުޅިފައިވާ މާލޭ ސްކޭޓް ޕާކް ހުޅުވައިފި


  • ސްކޭޓް ޕާކް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • މި ޕާކުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު

  • މިއީ އާރުސީސީގެ ސީއެސްއާރު

މާލޭގައި ސަރުކާރުން ގާއިމްކުރި ސްކޭޓް ޕާކް ރަސްމީކޮށް ހުޅުވައިފިއެވެ.

މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރި މި ސްކޭޓް ޕާކް ހުޅުއްވައިދެއްވީ، އެކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ސްކޭޓިން ކޮމިއުނިޓީގެ އެކި އުމުރުފުރާގެ އެތުލީޓުންނާއި މެމްބަރުބް ބައިވެރިވެވަޑައިގަތެވެ.

މި އެރީނާ ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ސްކޭޓް ޕާކު ބައްލަވާލައްވާފައެވެ.

ސްކޭޓިންއަށް ހުރި ދަތިތައް ފިލުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޔަގީންކަމާއެކު އަލަށް ބިނާ ކުރަން ފަށައި މިހާރު ރަސްމީކޮށް ހުޅުވާފައިވާ މި ސްކޭޓިން އެރީނާގެ ބިންގާ އަޅައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން ގާއިމްކުރީ ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭގޮތަށެވެ. މިއީ އާރްސީސީގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ.

މި ސްކޭޓް އެރީނާ ފަރުމާކޮށްފައިވަނީ އިންލައިން ސްކޭޓް ކުރާ ފަރާތްތަކަށް ވަކިން ޚާއްސަ 100 މީޓަރުގެ ލޭނަކާއި، ސްކޭޓް ބޯޑް ދުއްވުމަށް ވަކިން ސަރަހައްދެއް ކަނޑައެޅިފަވާގޮތަށެވެ. މި ފެސިލިޓީގެ މިހާރު ހުޅުވާފައިވާއިރު، މި ދެ ކުޅިވަރަށްވެސް ޚާއްސަ ވެފައިވާ ކުދިންނަށް ގިނަ ގޮތްގޮތުން ކުރިއެރުން ލިބޭނެއެވެ.

ސްކޭޓް ކުރުމަކީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާއިރު، ރާއްޖޭގެ ޒުވާން ސްކޭޓަރުން އަންނަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް، ރާއްޖެއަށް ރަންވަނަތަކެއް ގެނެސްދެމުންނެވެ.
އެހެންކަމުން މި ސްކޭޓް އެރީނާ ވާނީ ދިވެހި ސްކޭޓަރުންގެ ފޮނި އުންމީދުތަކާއި ގުޅިފައިވާ ދުވަސްވީ ހުވަފެނެއްގައި ޖެހޭ އުފާވެރި ކުލައަކަށެވެ.