ރާއްޖޭގައި ކުޅިވަރެއްގެ ގޮތުގައި ސްކޭޓިން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މާލޭގައި ތަރައްގީކުރި ސްކޭޓް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ސްކޭޓިންއަށް މިހާ ފުރިހަމަ ފެސިލިޓީއެއް ގާއިމްކޮށް ނިންމަވާލެއްވުނީ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައިކަން ފާހަގަކުރައްވާފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމައަށް މި މަސައްކަތްކޮށް ނިންމަވާލެއްވުނީ، އެކަމަށް އަދި އެ ކުޅިވަރަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމާއި، ސްކޭޓިން ކުރިއެރުއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގެ ފަސް މަސް ކުރިން އަޅުގަނޑުމެން މިތަނުގައި ބިންގާ އަޅައި، އަދި ތިން މަސް ތެރޭގައި މި ސްކޭޓް ރިންގުގެ މަސައްކަތް އެއްކޮށް ނިންމާ، އޭގެ ފަހުން އަޅުގަނޑުމެންގެ މި ޖެހިގެން އޮތް ސަރަހައްދުގައި ސްކޭޓް ބޯޑް ދުއްވާނެ އެރީނާއެއް ގާއިމްކޮށް ނިމިގެން މިދިޔައީ މުޅި ޖުމްލަ ފަސް މަސް ތެރޭގައި. މިކަން މިހާ ފުރިހަމަކޮށް ކުރެވުމަށްޓަކައި މިތަން ހަމަޖައްސަވައިދެއްވާ، މި މަސައްކަތް ހުއްޓުމެއްނެތި، މަޑުޖެހުމެއް ނެތި ކުރިއަށް ގެންދަވާ، އެކަންކަން ބައްލަވާ، މިކަންކަން ކޮށް މިހާ ހިސާބަށް އަޅުގަނޑުމެންނަށް މި އާދެވުނީ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިކަމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ސަބަބުން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ކުޅިވަރު ރާއްޖޭގައި ކުރިއަރުވައި، ރާއްޖެއަށް ރީތިނަން ހޯދައިދޭނެ ކުޅިވަރަކަށް ހެދޭނީ، އަލަށް ހުޅުވި ސްކޭޓް ޕާކުގައި، ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވި، ދިވެހި ސްކޭޓަރުންނަށް ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ފަހި މާހައުލެއް ތަނަވަސްވެގެންކަމަށެވެ. އެހެންކަމުން އެ އިންތިޒާމްތައް ހަމަޖައްސަވައި ދެއްވިކަމަށްޓަކައި ވަޒީރު ވަނީ ރައީސްއަށް ޝުކުރު ދަންނަވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބިންގާ އަޅައި މަސައްކަތް ފަށައި، މިއަދު ހުޅުވިގެންދިޔަ މި ސްކޭޓް ޕާކަކީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢު އެކެވެ.
މި ސްކޭޓް އެރީނާ ފަރުމާކޮށްފައިވަނީ އޮންލައިން ސްކޭޓް ކުރާ ފަރާތްތަކަށް ވަކިން ޚާއްސަ 100 މީޓަރުގެ ލޭނަކާއި، ސްކޭޓް ބޯޑް ދުއްވުމަށް ވަކިން ސަރަހައްދެއް ކަނޑައެޅިފައިވާގޮތަށެވެ.