ޚަބަރު

ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤަށް ހުރަސް އެޅޭނެކަމެއް ނުކުރުމަށް ގޮވާލައިފި


  • ވޯޓުލުމުގެ ޙައްޤަށް ހުރިހާ ފަރާތަކުންވެސް ފުރިހަމައަށް އިޙްތިރާމް ކުރަންވާނެ

  • އިންތިޚާބު އޮބްޒާވްކުރުމުގައި އެޗްއާރްސީއެމްގެ 78 އޮފިޝަލުން ހަރަކާތްތެރިވާނެ

މާދަމާ އޮންނަ އިންތިޚާބުގައި ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމްއިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމްއިން ވިދާޅުވީ މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒަރވް ކުރުމުގެ ގޮތުން އެ ކޮމިޝަންގެ ފަރާތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށެވެ.

ވޯޓުފޮށި އޮބްޒަރވްކުރުމުގެ މަސައްކަތް ކޮމިޝަންގެ މުވައްޒަފުން ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެކަމަށާއި އެގޮތުން، މާލެ ސަރަހައްދުގައި ވޯޓުލާ ދުވަހުގެ އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަރވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒަރވްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން، ކ. މާފުށި ޖަލުގައި ކޮމިޝަންގެ އޮބްޒަރވަރުން ހަރަކާތްތެރިވަމުންދާނެކަމަށް ވިދާޅުވިއެވެ.

އެޗްއާރްސީއެމްއިން ވިދާޅުވީ އިންތިޚާބުތަކުގައި ބައިވެރިވުމާއި، ވޯޓުލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއްކަމަށެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކޮށް، ޤައުމުގެ ކަންކަން ރާވާ ހިންގުމާ، ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ. އެޗްއާރްސީއެމްއިން ވިދާޅުވީ ތިމާ ދޭ ވޯޓަކީ އެހެންފަރާތެއްގެ ނުފޫޒެއްނެތި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް އަމިއްލަ އިޚްތިޔާރުގައި ދެވޭ ވޯޓަކަށް ހެދުމަށާއި، ވޯޓުލުމަށް ލިބިދީފައިވާ ޙައްޤަށް ހުރިހާ ފަރާތަކުންވެސް ފުރިހަމައަށް އިޙްތިރާމް ކުރުމަށް ގޮވާލަކަމަށެވެ.

ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލާ އެޗްއާރްސީއެމްއިން ވިދާޅުވީ މުޖްތަމައުގައި އެކަކު އަނެކާއާ ސިޔާސީގޮތުން ހިޔާލު ތަފާތުވުން ހުރިކަމުގައި ވީނަމަވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯއްދެވުމަށް ކޮމިޝަނުން އެދޭކަމަށެވެ.