ކުވޭތުގެ ފެނާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް، އީރާނުން ވައިގެ ޙަމަލާތަކެއް ދީފައިވާކަމަށް ކުވޭތުގެ ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.
ފެބްރުއަރީ 28ވަނަ ދުވަހު އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނު މިހާރު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އީރާނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރަމުންދާ ވައިގެ ޙަމަލާތަކުގެ ދިފާޢުގައި، އީރާނުން އެންމެ ފުރަތަމަ ޙަމަލާތައް ދޭން ފަށާފައިވަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން މެދުއިރުމަތީގެ އެކި ޤައުމުތަކުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުތަކަށެވެ.
ނަމަވެސް، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ވެސް އެމެރިކާ އާއި ޔަހޫދީން ޙަމަލާދެމުންދާތީ، އީރާނުން ވެސް ވަނީ ރައްދު ޙަމަލާތައް ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާ އާއި ޔަހޫދީންނާ ގުޅުންހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް ފުޅާކޮށްފައެވެ.
ކުވޭތުގެ އިދާރާތަކުން ބުނީ، ފެނާއި ކަރަންޓު އުފައްދާ މަރުކަޒަށް މިއަދުގެ މެންދުރުގެ ވަގުތެއްގައި އީރާނުގެ ވައިގެ ޙަމަލާތައް އަމާޒުވެފައިވާ ކަމަށެވެ. ނަމަވެސް، އެ ޙަމަލާތަކުގެ އެ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ނޭނގެއެވެ.
މީގެއިތުރުން، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކުވޭތުގެ މިނާ އަލް އަޙްމަދީ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ވެސް އީރާނުގެ ވައިގެ ޙަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި އެ ކާރުޚާނާގެ އެކި ތަންތަނުގައި ރޯވިކަމުގެ ރިޕޯޓުތައް ލިބިފައިވީނަމަވެސް، އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުލިބޭކަމަށް ޔަޤީންކަން ވަނީ ދީފައެވެ.
އެ ކާރުޚާނާއަކީ ކުވޭތުގެ އަމިއްލަ ބޭނުމަށް އެންމެ ގިނައިން ތެޔޮ އުފައްދާ މަރުކަޒެވެ.
އެތަނުގައި ރޯވި އަލިފާންގަނޑުން އެރި ދުމުގެ ސަބަބުން، ވައި ތަޣައްޔަރުވެފައިވާ މިންވަރު ބަލަމުން އަންނަ ކަމަށް ކުވޭތުގެ ކަމާގުޅޭ އިދާރާއިން ބުނެފައިވެއެވެ.
ކުވޭތުގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، ސަޢުދީ ޢަރަބިއްޔާ އަދި ބަޙްރޭނުން ވެސް ވަނީ އީރާނުގެ ވައިގެ ޙަމަލާތަކެއް ދިފާޢުކޮށްފައިވާކަމަށް ބުނެފައެވެ.
ގަލްފުގެ ޤައުމުތަކަށް އީރާނުން ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފައިމިވަނީ، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ޙަމަލާތައް އިތުރުކުރާނެކަމުގެ އިންޒާރު އެމެރިކާއިން ދީފައިވަނިކޮށެވެ.
އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާދޭނަމަ، އޭގެ ރައްދުގައި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާ އާ ގުޅުންހުރި އެފަދަ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ތަކުރާރުކޮށްދީފައެވެ.