އެކުވެރި ޢަރަބި ޢިމާރާތުގައި (ޔޫއޭއީ) ގޭސް އުފައްދާ އެންމެ ބޮޑު މަރުކަޒު ކަމުގައިވާ ޙަބްޝާން ޕްލާންޓަށް އަމާޒުކޮށް ދިން މިސައިލް ޙަމަލާއެއް ދިފާޢުކުރުމުގެ ތެރޭގައި އޭގެ ބައިތަކެއް ވެއްޓި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު މަރުވެ، އެ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އަބޫ ދާބީ މީޑިއާ އޮފީހުން ބުނީ، މި ހާދިސާގައި މީހަކު މަރުވެފައިވަނީ އެ ސަރަޙައްދު ހުސްކުރުމުގެ ތެރޭގައި ކަމަށާއި، އެއީ މިޞްރުގެ ރައްޔިތެއް ކަމުގައެވެ. މީގެ އިތުރުން މިޞްރުގެ ދެ މީހަކަށާއި ޕާކިސްތާނުގެ ދެ ރައްޔިތަކަށް ވަނީ ކުދި އަނިޔާތަކެއް ވެފައެވެ.
މި ޙަމަލާއަކީ ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ރައްދުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ތެރެއިން ޙަމަލާއެކެވެ. އީރާނުން ބުނީ، އެ ޤައުމުގެ ޙަމަލާތައް އަމާޒުކުރަމުން ދަނީ ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކުގެ އިތުރުން ޞަހްޔޫނީ ދައުލަތަށް ކަމުގައެވެ.
ޔޫއޭއީން ބުނީ، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އީރާނުން އެ ޤައުމަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. މި ގޮތުން، ޙަމަލާތަކުގައި 18 ބެލިސްޓިކް މިސައިލާއި، ހަތަރު ކްރޫޒް މިސައިލް އަދި 47 ޑްރޯން ބޭނުންކޮށްފައިވާ ކަމުގައި ވެސް ޔޫއޭއީން ބުންޏެވެ. މިއީ، އެމެރިކާއިން މެދުއިރުމަތީގެ ހަނގުރާމަ ފެށި ފަހުން ޔޫއޭއީއަށް އަމާޒުކޮށް އީރާނުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތައް ކަމުގައި ވެސް އަބޫ ދާބީ މީޑިއާ އޮފީހުން ހާމަކުރިއެވެ.
މި ނުރައްކާތެރި ޙާލަތާ ގުޅިގެން، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ (ޖީސީސީ) ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލް-ބައްދާވީ ވަނީ، އީރާނުގެ ޙަމަލާތައް ހުއްޓުވުމުގެ ގޮތުން "އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް" އަޅައިދިނުމަށާއި، ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހަށް ގޮވައިލައްވާފައެވެ. އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހުއްޓި، ބާޒާރުގައި އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ޔޫއޭއީއަށް ދިން ޙަމަލާތަކާ ޙަބްޝާން ޕްލާންޓަށް ލިބުނު ގެއްލުންތައް އަންދާޒާ ކުރުމުގެ މަސައްކަތް ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.