އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް މެންޗެސްޓަރ ސިޓީ އާއި ސައުތެމްޓަން އިން ހޯދައިފި އެވެ.
މެންޗެސްޓަރ ސިޓީ އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު ކުއާޓަރ ފައިނަލް މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހުގަ އެވެ. އަދި ސައުތެމްޓަން ވަނީ ޕްރިމިއާ ލީގުގެ ކުރީގައި އޮތް އާސެނަލް 2-1 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ މެންޗެސްޓަރ ސިޓީ އިން ކުރި ހޯދާފައިވަނީ މެޗުގެ 39 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އާލިން ހާލަންޑް އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ޖެހިޖެހިގެން އަށްވަނަ ފަހަރަށް މެންޗެސްޓަރ ސިޓީ އިން ހޯދާފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ހަތް މިނިޓު ފަހުން އާލިން ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.
މި މެޗުގައި ލިވަޕޫލް އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް މުހައްމަދު ސަލާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
ސައުތެމްޓަން އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތިޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ސިޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ އާސެނަލް އިން ރަށުން ބޭރުގައި ކުޅުނު މި މެޗުގެ 35 ވަނަ މިނިޓުގައި ސައުތެމްޓަން އިން ކުރި ހޯދާފައިވަނީ ރޮސް ސްޓްވަރޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އާސެނަލް އިން މި މެޗުގެ ނަތީޖާ އެއްވަރުވެފައިވަނީ މެޗުގެ 68 ވަނަ މިނިޓުގައި ވިކްޓަރ ގިޔޮކޯރެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ސައުތެމްޓަންގެ ޝިއާ ޗާލްސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށް މި މެޗުން ސައުތެމްޓަން މޮޅުކޮށްދީފަ އެވެ.
މި ނަތީޖާ އާއި ސައުތެމްޓަން އަށް އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ލިބިފައިވާއިރު މިއީ 2021 ވަނަ އަހަރަށްފަހު އެ ޓީމުން އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ.