ޚަބަރު

ފުރަތަމަ ދެމެޗުންވެސް މޮޅުވެ ނަބާހާ ގަދަ 32 އަށް


  • ދެ މެޗު ވެސް ނަބާ ކާމިޔާބުކުރީ ދެ ސެޓުން

  • ގަދަ 32ގެ ބުރުގައި ނަބާ ނުކުންނާނީ ޖަޕާނުގެ އަކާނޭ ޔަމަގޫޗީއާ ދެކޮޅަށް

ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް، ރާއްޖޭގެ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ (ނަބާ) މޮޅުވެއްޖެއެވެ.

ޗައިނާގެ ނިންބޯގައި މިއަދު ފެށި މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނަބާ ނުކުތީ ބަންގްލަދޭޝްގެ އެއްވަނަ އަންހެން ކުޅުންތެރިޔާ، އުރްމީ އަކްތަރުއާ ދެކޮޅަށެވެ. އުރްމީއާ ދެކޮޅަށް ކުޅުނު މެޗުން ނަބާ މޮޅުވީ ސީދާ ދެ ސެޓުންނެވެ، މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 17-21، 07-21 އިންނެވެ.

މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ނަބާ ނުކުތީ ކިރްގިސްތާންގެ އެއްވަނަ ކުޅުންތެރިޔާ، ޒަސްމީން އައިސަރޯވާއާ ދެކޮޅަށެވެ. މި ސެ ޓުވެސް ނަބާ ގެންދިޔައީ ސީދާ ދެ ސެޓުންނެވެ، ނަބާ މި މެޗުގެ ސެޓުތައް ގެންދިޔައީ 05-21 އަދި 06-21 އިންނެވެ.

މި ދެ މެޗުން ހޯދި މޮޅާއެކު ނަބާ މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ބުރުން ޖާގަހޯދިއިރު، މިއީ، ރާއްޖޭގެ ކުޅުންތެރިއަކު އޭޝިއާގެ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބުރުގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި، މިފަދަ ނަތީޖާއަކާއެކު ވާދަކުރާނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރައުންޑް އޮފް 32 ގައި ނަބާގެ މެޗު އޮތީ ބުދަ ދުވަހުއެވެ. އެ މެޗުގައި ނަބާ ނުކުންނާނީ ޖަޕާންގެ އަކާނޭ ޔަމަގޫޗީއާ ދެކޮޅަށެވެ.

އޭޝިއާ ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސްގައި ނަބާ ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު، އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީހާގެ ޕެއާ ވާދަކުރެއެވެ. އަދި މިކްސް ޑަަބަލްސްގައި ނަބާ އާއި ޒަޔާންގެ ޕެއާ ވާދަކުރެއެވެ.