ޚަބަރު

އީރާނުން އެމެރިކާއާއެކު މަޝްވަރާކުރާނީ ކުރިއަށްވުރެ ބޮޑަށް ހުށިޔާރުވެ ތިބެ


އީރާނުން އެމެރިކާއާއެކު ޞުލްޙަައިގެ މަޝްވަރާތައް ކުރާނީ ކުރިއަށްވުރެ ހުށިޔާރުވެ ތިބެ ކަމަށާއި އެމެރިކާއަށް އިތުބާރު ނުކުރާ ކަމަށް އީރާނުން ބުނެފިއެވެ.

ފެބްރުއަރީ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ވަނީ މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާ ދީ ހަނގުރާމަ ފަށައިފައެވެ. އީރާނުން ރައްދު ޙަމަލާ ދޭން ފެށުމާއެކު އެ ހަނގުރާމަ ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އަދި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން ވަނީ ޔަހޫދީންގެ މުހިންމު ބިނާތަކާއި ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ޙަމަލާތައް ދިނުމުގެ އިތުރުން މެދުއިރުމަތީގެ ތެޔޮ ދުނިޔެއަށް ސަޕްލައި ކުރުމަށް ބޭނުންކުރާ މައި މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅު ވެސް ބަންދުކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ނަމަވެސް އެމެރިކާއާއި އީރާނުން މިހާރު ވަނީ ޙަމަލާ ބަދަލުކުރުން ދެ ހަފްތާގެ މުއްދަތަށް މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފައި ވަނީ، އީރާނަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، މުޅި ޤައުމު އެކީގައި ސުންނާފަތިކޮށްލާނެކަމުގެ އިންޒާރާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައިވަނިކޮށެވެ. ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅި ހުޅުވުން ހިމެނޭއިރު، އެ މުއްދަތުގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން، ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެކަމުގެ ޔަޤީންކަން އީރާނުން ވަނީ ދީފައެވެ.

އީރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ މައްޗަށް ބިނާކޮށް، އެމެރިކާއާއެކު ސުލްޙައިގެ މަޝްވަރާތައް އޭޕްރިލް 10 ވަނަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އީރާނުގެ ރައީސް ވަނީ މަޝްވަރާތަކަށް ހާޒިރުވެވަޑައިގަންނަވާނެ ކަން އިޢުލާނުކުރައްވައިފައެވެ.

ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޞުލްޙައިގެ ވާހަކަތަކާ ގުޅޭ ގޮތުން އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޢަލީ ބަޙްރައިނީ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމާ ގުޅޭ ޤާނޫނީ ކަންތައްތަކަށް ބަދަލު އަންނާނެ ކަމަށެވެ. އީރާނުން އެއްވެސް މިންވަރަކަށް އެމެރިކާއަށް އިތުބާރު ނުކުރާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތަކުން ތިބީ ތައްޔާރީ ޙާލަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެެމެރިކާއިން ޞުލްޙަ ޤާއިމްކުރުމާ މެދު ސީރިއަސް މިންވަރެއް ދެނެގަތުމަށް އީރާނުން މަޝްވަރާތަކުގައި ބައިވެރިވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އީރާނާއި އެމެރިކާއާ ދެމެދު ކޮށްފައިވާ މަޝްވަރާތަކަށް އަލިއަޅުވާލައްވައި ބަޙްރައިނީ ވިދާޅުވީ އެމެރިކާއާއި ޔަހޫދީން އީރާނަށް ޙަމަލާ ދިނީ މަޝްވަރާތަކެއް ކުރަމުން ދަނިކޮށް ކަމަށާއި، ކުރިއަށް ވެސް މަޝްވަރާތަކެއް ތާވަލުކޮށްފައި ވަނިކޮށް ކަމަށެވެ. އެމެރިކާއިން އެ ގޮތަށް ކަންތައް ކޮށްފައިވާތީ މިހާރު ނިންމާފައިވާ އެންމެހާ ނިންމުންތަކަކީ ވަގުތީ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހުރުމުޒު ކަނޑުއޮޅި ހުޅުވައިލުމަށް ނިންމި ނިންމުމަކީ ވެސް ވަގުތީ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ހަފްތާގެ މުއްދަތު ނިމުމުން ބޯޓުފަހަރު ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުން ބަރޯސާ ވަނީ ޞުލްޙައިގެ މަޝްވަރާތަކުގައި ލިބޭ ކުރިއެރުމުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ދެ ހަފްތާގެ ތެރޭގައި ވެސް ހުރުމުޒު ހުރަސްކުރުމުގެ ކަންކަން އޮންނާނީ ހަނގުރާމައިގެ ކުރިން އޮތް ގޮތަށް ނޫން ކަމަށާއި، ބޯޓުފަަހަރުން ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ބޭނުން ވަނީ އީރާނަށް ޙަމަލާ ދިނުމަށް ޢަދުއްވުން އެ ކަނޑުއޮޅި ބޭނުން ނުކުރާނެ ކަމުގެ ޔަަޤީންކަން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބަޙްރައިނީ އިތުރަށް ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވުމަކާ ހަމައަށް އާދެވުމަކީ އީރާނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އެމެރިކާއާއި ޔަހޫދީންނަށް އީރާނުގެ ހަޤީޤީ ބާރު މީގެ ކުރިން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.