ޙައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ ރުކުންތަކުގެތެރެއިން އެންމެ މުހިންމު އެއް ރުކުނެވެ. މިއީ އުނދަގޫ ބުރަ، ދަތުރެކެވެ. މަބްރޫރް ޙައްޖަކަށް އެދޭ މީހާ، އޭނާ ރޫހާނީގޮތުން ތައްޔާރު ނުވެއްޖެނަމަ އެކަމުގެ ސަވާބާއި ދަރުމައިން މަހުރޫމުވެދާނެ ފަދަ ކަމެކެވެ.
ޙައްޖު މޫސުމާ ބައްދަލުކުރާއިރު، ޙައްޖުގެ އަޅުކަމުގެ ސަވާބާއި ދަރުމަ ހޯދުމުގެ ނިޔަތް ފެށެންވާނީ ދަތުރަށް އަރާ ހިސާބަކުން ނޫނެވެ. މިއީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތް ގަތީއްސުރެ، ރޫހާނީގޮތުން މީހާގެ ނަފުސު ތައްޔާރުކުރަން ޖެހޭ އަޅުކަމެކެވެ.
އެންމެ މުހިންމު މަޤުޞަދަކީ އެމީހެއްގެ ނަފުސު އިސްލާހުކޮށް، ދަތުރަށް ފުރިހަމައަށް ތައްޔާރުވުމެވެ. ފުރަތަމަ ކަމަކަށް، އެމީހާއަށް ކުރެއްވިފައިވާ ފާހަތަކަށް ތަޢުބާވެ، ޢަމަލުތައް އިސްލާހުކުރަން ޖެހެއެވެ.
"ފާފަކުރެވޭނަމަ، އެކަން އެއްކޮށް ހުއްޓާލަން ޖެހޭ. ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ރަނގަޅު ތަޢުބާއަކުން ތަޢުބަވާންޖެހޭ" ޙައްޖުގެ އަޅުކަމަށް ރޫހާނީގޮތުން ނަފުސު ތައްޔާރުވުމާއި ގުޅޭގޮތުން އައްޝައިޙް މުތީޢު އިސްމާޢީލް ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަމަށް ދިއުމުގެ ކުރިން އެންމެ މުހިންމު އެއް ކަމަކީ ކެތްތެރިވުމަށް ނަފުސު ތައްޔާރުކުރުމެވެ. އެތައް މިލިއަން ބަޔަކު އެއް ބިމަކަށް ޖަމާވެ، އަޅުކަމުގެ ދަތުރު ހޭދަކުރާއިރު އެތައް ގޮންޖެހުމަކާ ކުރިމަތިވާނެއެވެ. ދަތުރާއި އިންތިޒާމުތަކާއި އަޅުކަމުގައިވެސް، ހިތްހަމަ ނުޖެހޭ ޙާލަތްތަކާ ކުރިމަތިވިނަމަވެސް، ރުޅި އިސްނުކޮށް، ކެތްތެރިކަމާއި ހިތްތިރިކަން އިސްކުރުމަށްވެސް ނަފުސު ތައްޔާރުކުރަންވާނެއެވެ. މިއިން ކޮންމެ ކަމަކީ އިމްތިޙާނެކެވެ.
"އެފަދަ ނުތަނަވަސްވާ ޙާލަތެއް ކުރިމަތިވެދާނެކަމަށް ވިސްނުން ބަހައްޓައިގެން ދާންވާނީ. ޒުވާބުކޮށް، ރުޅި ގަދަވެ، ހަޑިހުރު ބަސްތައް ބޭނުންކޮށް ޖަދަލުކުރާނަމަ، އެމީހަކަށް މަބުރޫރް ޙައްޖެއް ނުލިބޭނެކަން ސުންނަތާއި ދަލީލުތަކުން އިނގޭ." ޙައްޖުގެ އަޅުކަމަށް ރޫހާނީގޮތުން ނަފުސު ތައްޔާރުވުމާއި ގުޅޭގޮތުން އައްޝައިޙް މުތީޢު އިސްމާޢީލް ވިދާޅުވިއެވެ.
އަޅުކަން އަދާކުރުމުގައިވެސް، މަބުރޫރު ޙައްޖެއް ހޯދުމަށް އެމީހާ ކުރާނެ ކަންކަމުގެ ޓާގެޓްތަކެއް ކަނޑައަޅަންވާނެއެވެ. އެގޮތުން އެ މާތްބިމާއި، ޙައްޖުގެ މަނާސިކުގެ ތެރޭގައި ދީނިގޮތުން ޙާސިލުކުރާނެ ކަންކަމުގެ ޢަމާޒުތަކެއް އޮންނަނެވާނެއެވެ.
މިއީ ދާންވީ މިސްރާބު ސާފުކޮށްދޭ ކަމެކެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި ޚަތިމުކުރުމާއި ދުޢާކުރުމުގައިވެސް ތާވަލެއް ހެދިދާނެއެވެ.
ޙައްޖައް ދިއުމުގެ ކުރިން، އާއިލާއާއި ރަހުމަތްތެރިންނާ އަދި އެހެނިހެން މީހުންނާމެދު ހިތް ސާފުކޮށް، ގުޅުންތައް ރަނގަޅުކުރުމަކީ ވަރަށް އިސްކަން ދޭންޖެހޭނެކަމެކެވެ. މަބުރޫރު ޙައްޖެއް ލިބުނު މީހާ، މައިމީހާގެ ބަނޑުން އުފަންފުން ފަދައެވެ. އޭނާ ވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. އެހެންކަމުން، އަޅުކަމުން އެނބުރި އައިސްވެސް އެ ނިޔަތުގައި ދެމިތިބުމަށް އަޒުމު ކަނޑައަޅަންޖެހެއެވެ.
މީގެއިތުރުން، އެމީހާގެ މައްޗަށް ދަރަންޏެއް އޮތްނަމަ، އަދި އެ ދެއްކެން އޮތްނަމަ ދަރަނި އަދާކޮށްފައި ދިއުމަކީވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އަދި ދަތުރަށް ފަށާއިރު ދެއްކެން ނެތް ޙާލަތުގައިވެސް، އެމީހެއްގެ ދަރަނީގެ ތަފްސީލްތައް ލިޔެ، ވާރިސުންނާ ޙިއްސާކުރުމަކީ މުހިންމު ކަމެކެވެ.
އެހެންކަމުން ޙައްޖުގެ އަޅުކަމަށް ނަފުސު ތައްޔާރުކުރުމުގެ މަސައްކަތް މިހާރުއްސުރެ ފަށަންޖެހެއެވެ.