ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މިގޮތަށް ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސިނާންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ޣާލިބް ސަލީމެވެ. އެ މައްސަލަ ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިޔަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ފައިސާ ނުދައްކާތީކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު މި މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގައި ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވީ އައިޝާ ޝުޖޫން މުޙައްމަދެވެ. ފަނޑިޔާރު ޝުޖޫންގެ ރަޢުޔުގައި ވިދާޅުވީ ސިނާންގެ މައްޗަށް ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ނުވަތަ ބާތިލްކުރަން އޭނާގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމަކަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫންކަމަށް ސިނާން ވިދާޅުވިނަމަވެސް އެކަމުގައި ބުރަދަނެއް ނުދެވޭ ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ލޯނުގެ ފައިސާ، 6 މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައިވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ވިދާޅުވި ނަމަވެސް، އެކަން ދުރާލާ ސިނާނަށް އަންގާފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ މައްސަލައިގެ ކަންކަމަށް ރިއާޔަތްކޮށް ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ފަނޑިޔާރުން ވަނީ ތާޢީދު ކުރައްވާފައެވެ. ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު ޝުޖޫންގެ އިތުރުން ހިމެނިވަޑައިގެންނެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ހުރިހާ ފަނޑިޔާރުން އެއްގޮތަކަށް ތާޢީދު ކުރެއްވުމުން ސުޕްރީމް ކޯޓުން ހުކުމްކުރެއްވީ މި މައްސަލައިގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މުޙައްމަދު ސިނާނަށް ގެއްލިއްޖެ ކަމަށެވެ.