ހުޅުމާލޭގައި ބިނާކުރުމަށް ތައްޔާރުވަމުންދާ ބޮޑު މިސްކިތުގެ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއާއެކު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.
މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެއެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައެވެ. މި މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް އިސްލާމީ ވުޒާރާއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މިސްކިތުގެ ކޮންސެޕްޓް މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ތަފްޞީލީ ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި މިހާރު ކުރިއަށްދާކަމަށެވެ. އަދި މި މިސްކިތް ބިނާކުރާނީ ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިން އަދި ޕާކިން ހިމެނޭހެން ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން މިސްކިތުގައި ޤުރުއާން މިއުޒިޔަމެއްވެސް ހުންނާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ޑިޒައިނިން މަރުޙަލާއިން ފެށިގެން ހުރިހާ ކަމަކަށް ފަންޑުކުރަނީ މިސްކިތް ބިނާކޮށްދޭ ފަރާތުންނެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަންޑުކުރާ ފަރާތުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.