އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-0 ގެ ނަތީޖާ އަކުން ސިޓީ މޮޅުވެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި އެވެ.
މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން ޖުމްލަ 64 ޕޮއިންޓް ލިބިފަ އެވެ. ތާވަލުގެ ކުރީގައި އޮތް އާސެނަލް އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 70 ޕޮއިންޓެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވިއިރު, ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ވަނީ ލަނޑެއް ނުޖެހި ބަލިވެފަ އެވެ.
މެންޗެސްޓަރ ސިޓީ އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ނިކޯ އޮރެއިލީ ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.
ސިޓީ އިން މި މެޗުގައި ދެވަނަ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައިވަނީ ފުރަތަމަ ލަނޑު ޖެހިތާ ހަ މިނިޓު ފަހުން މާކް ގުއޭހީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސިޓީ އިން ފުރަތަމަ ޖެހި މި ދެ ލަނޑަށްވެސް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ރަޔާން ޗާރކީ އެވެ.
މި މެޗުން މެންޗެސްޓަރ ސިޓީ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި ޖެރެމީ ޑޯކޫ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ޗެލްސީ އަށް 32 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގަ އެވެ.
މެންޗެސްޓަރ ސިޓީ އިން އަންނަ އާދީއްތަ ދުވަހު އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ލިބިއްޖެނަމަ ލީގު ޗެމްޕިއަންކަން ހޯދުމަށް އެ ޓީމަށް ފުރުސަތު ތަނަވަސްވެގެންދާނެ އެވެ.