އެމެރިކާއާއި އީރާނާ ދެމެދު ހުސްވި ހަފުތާ ބަންދުގައި އިސްލާމްއާބާދުގައި ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކަކީ ހުރިހާ ފަރާތްތަކެއްގެ މަޞްލަޙަތު ހިމެނޭ، ދެމެހެއްޓެނިވި އޮނިގަނޑެއް ބިނާކުރުމަށް އެޅުނު ސިޔާސީ ބިންގަލެއް ކަމުގައި، ޕާކިސްތާނަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޒާ އަމީރީ މުޤައްދިމް ވިދާޅުވެއްޖެއެވެ. އިސްލާމްއާބާދުގައި ސުލްޙައިގެ މަޝްވަރާތައް ބާއްވާފައި ވަނީ، ހަ ހަފުތާއަށް ދެމިގެންދިޔަ ހަނގުރާމައަށް ފަހުއެވެ.
މުޤައްދިމް ވިދާޅުވީ، އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތަކަކީ ހަމައެކަނި ވަގުތީ ހަރަކާތެއް ނޫން ކަމަށާއި، އެއީ ދެމެހެއްޓެނިވި މަރުޙަލާއެއްގެ ފެށުން ކަމުގައެވެ. ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ހަނގުރާމައަށް ފަހު، ދެ ފަރާތުން މަޝްވަރާތަކަށް އެއްބަސްވެފައި ވަނީ އެޕްރީލު 8 ވަނަ ދުވަހު އިޢުލާނު ކުރި ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކަން ވިލަރެސްކޮށްފައި ވަނީ ވެސް އިސްލާމްއާބާދުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެންނެވެ. މިއީ، 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންޤިލާބަށްފަހު އެމެރިކާގެ ވެރިންނާ އެކު ބޭއްވުނު އެންމެ މަތީ ފަންތީގެ ވާހަކަތަކެވެ.
މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެވަޑައިގެންނެވިއިރު، އީރާނުގެ ވަފުދުގެ އިސްވެރިއަކީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފެވެ. 21 ގަޑިއިރުގެ ވާހަކަތަކަށް ފަހު މަޝްވަރާތައް ފޭލުވެފައިވާ ކަމުގައި ބުނެ، އެމެރިކާގެ ވަފުދުން ވަނީ ވާހަކަތަކުން ވަކިވެފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ވޮޝިންގްޓަނުން ހުށަހަޅާފައި ވަނީ ވަގުތުން ބަލައިގަނެވޭނެ ފަދަ ޝަރުޠުތަކެއް ނޫން ކަމުގައެވެ. މި ގޮތުން، ޔުރޭނިޔަމް މުއްސަނދިކުރުން ހުއްޓައިލުމާއި، ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ބަންދުކުރުމުގެ އިތުރުން ހުރްމުޒް ކަނޑުއޮޅި ހުޅުވައިލަން މަޖުބޫރުކުރުވުމަށް ވޮޝިންގްޓަނުން ވަނީ މަސައްކަތް ކޮށްފައެވެެ.
ނިއުކްލިޔަަރ ހަތިޔާރެއް ނުއުފައްދާނެ ކަމުގެ ޔަގީންކަން ތެހްރާނުން ދީފައިނުވާ ކަމުގައި ވޭންސް ވިދާޅުވިއިރު، ޤާލިބާފް ވިދާޅުވީ، ކުރިއަށް އޮތީ އެމެރިކާއިން އީރާނުގެ އިތުބާރު ހޯދަންވީ ވަގުތު ކަމުގައެވެ. ދެ ފަރާތުގެ ދެމެދުގައި އިތުބާރު ނެތުމުގެ ސަބަބުުން ވާހަކަތަކުގައި ވަގުތުން އެއްބަސްވުމެއް އެކުލަވައިލެވިފައި ނުވި ނަމަވެސް، މުޤައްދިމް ވަނީ މަޝްވަރާތައް ވިލަރެސް ކުރެއްވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރީ ވެރިޔާ ފީލްޑް މާޝަލް ޢާޞިމް މުނީރު ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.