ސުޕްރީމް ކޯޓުގެ ހުކުމާއެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ޖޫން މަހު އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންސް ބޭއްވުމަށް ނިންމަވާފައެވެ.
އިލެކްޝަަންސް ކޮމިޝަނުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މިއާއެކު އެ ދާއިރާއަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 29ވާ ބުދަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށެވެ. ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު މި މުއްދަތުގައި އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ، ހިލާލީމަގު) އަށް ކަމަަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން މެންދުރު 15:00 އަށެވެ. އަދި ހުކުރު ދުވަހު 14:00 އިން 16:00 އަށެވެ.
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 25ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން، އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ. އިންތިޚާބީ އެޖެންޓަކަށް ނެގޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ މީހެކެވެ.
ކޮމިޝަނަށް ޙާޟިރުވެ ފޯމު ހުށަހަޅަނީ ކެންޑިޑޭޓު ނޫން އެހެން ފަރާތެއްނަމަ، އެފަރާތެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންދަންޖެހޭނެއެވެ.
އިލެކްޝްންސް ކޮމިޝަނުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 6 ޖޫންގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ކަމަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރެވުނު މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވާތީ ސުޕްރީމް ކޯޓުން އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް ކުރުމަށް ގުޅިގެންނެވެ.