ޚަބަރު

ހުޅުމާލެ ފޭސް3އިން 100އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި


  • ގޯތި ހަވާލުކުރަން ފެށީ މާރިޗު 26ގައި

  • ހުޅުމާލެ 3ވަނަ ފިޔަވަހިން ޖުމުލަ 698 ގޯތި ދޫކުރޭ

  • މިހާތަނަށް 451 މީހުންވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި

ހުޅުމާލެ ފޭސް 3އިން ގޯތި ހަވާލުކުރުމުގެ މަސައްކަތުގެދަށުން މިހާތަނަށް 100އަށްވުރެ ގިނަ ބިން ހަވާލުކޮށްފިއެވެ.

އެ ސަރަޙައްދުން ބިން ހަވާލުކުރުމުގެ މަސައްކަތް ފެށީ، މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.

ނިމުނު ސަރުކާރުގައި ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެދަށުން، ހުޅުމާލެއިން ބިން ދޫކުރީ އެ ސަރަހައްދު ނުހިއްކައެވެ. ނަމަވެސް މި ސަރުކާރުގައި ވަނީ ހުޅުމާލެ 3ވަނަ ފިޔަވަހީގެ ގޮތުގައި އެ ސަރަޙައްދުން 63 ހެކްޓަރުގެ ބިން ހިއްކައި ގޯތި ލިބުނު މީހުންނަށް މިހާރު ވަނީ ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ހުޅުމާލެ 3ވަނަ ފިޔަވަހިން 698 ބިން ވަނީ ކަނޑައަޅާފައެވެ. އެ ސަރަޙައްދުން ގޯތި ލިބުނު މީހުންނާއެކު، އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މިހާތަނަށް 451 މީހުންނާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ ފަރާތްތަކާ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ.

މިހާތަނަށް 125 ބިމެއް، އިންވަކިކޮށް، ވެރިފަރާތްތަކާ ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ ގޯތި ދޫކުރެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލު:

- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650 އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި

ލިބޭ ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 20ވަނަ ދުވަހުއެވެ.

މާލޭގެ އިތުރުން ގުޅިފަޅުން ގޯތި ލިބުނު މީހުންނާ ބިން ހަވާލުކުރުމުގެ މަސައްކަތްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.