ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ ބައި-އިލެކްޝަން ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 19 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހުގެ 14:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރައިމަރީގައި ވާދަކުރެވޭނީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ފުރިހަމަވާ މީހުންނަށެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުންނަށް ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ހުށައަޅަންޖެހޭނެ ކަމަށް ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެންބަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމަކުން ކަނޑައެޅުމާ ގުޅިގެންނެވެ. ސިނާން އެ ދާއިރާގެ މެންބަރަކަށް އިންތިޚާބުވީ ޕީއެންސީގެ ޓިކެޓުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.