ޚަބަރު

ކަސްޓޯޑިއަލްގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓް-މޯޓަމް ހަދަނީ


ފުލުހުންގެ ބަނދުގައި މާލެ ކަސްޓޯޑިއަލުގައި ހުއްޓާ ނިޔާވި މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމައިފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައި އޮތްވާ ފެނިފައިވަނީ މ. ރޭއަލިވާގެއާގެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދުއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ބަންދުގައި ހުއްޓާ ނިޔާވި މީހަކަށް ވުމާއެކު، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާކަމަށެވެ.

އަޙްމަދު ނަވްޝާދު ކަސްޓޯޑިއަލް ޖަލު ގޮޅީގެ ތެރެއަށް ވެއްޓިފައި އޮތްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފަިއވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހާދިސާ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.