އާސެނަލްގެ ސަޕޯޓަރުން ޓީމަށް ފާޑު ކިއުމުގެ ބަދަލުގައި އުފާކުރަންވީ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ވިދިވިދިގެން ދެ ވަނަ ފަހަރަށް ޓީމު ދަތުރު ކުރުމުންނެވެ.
"ސީޒަނުގެ އެންމެ ފަހު 48 ގަޑުއިރު ފިލްމު ކުރަން ވެސް ޖެހޭ. އަދި އެ ފިލްމު އަހަރުމެން ޖުލައިގައި ބަލާނަން. މިއީ ޓީމަށް ފާޑުކިޔަންވީ ވަގުތެއް ނޫން. މިއީ އުފާކުރަންވީ ވަގުތު،" އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ އާސެނަލް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދެ ވަނަ ފަހަރަށް ޖެހިޖެހިގެން ދިއުމާއި އިނގިރޭސި ލީގުގައި ފައިތުވެދިޔަ ތިން ސީޒަނުގައި މޮޅަށް ކުޅެ މި ސީޒަނުގައި ތަށި ހޯދުން އެންމެ ގާތް ޓީމަކަށް ވުމަކީ ވަރަށް ބޮޑު ކުރިއެރުންތަކެއް ކަމަށާއި މިހެންވެ ފާޑު ނުލިޔައި މިކަންކަމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
"މިކަމާ ނޫޅެން ބޭނުންވާ މީހަކު ބޭނުން ގޮތަކަށް އުޅެންވީ. އަހަރެންގެ ފަރުވާލެއްނެތް. އެކަމަކު ޓީމާއެކު ތިބެން ބޭނުންވާ ސަޕޯޓަރުންނަށް އެ ފުރުސަތު އެބައޮތް. އަހަރެން އެދެނީ ޓީމާއެކު އެންމެވެސް ތިބުން. އަހަރުމެން މި ތިބީ ސީޒަނުގައި ވަރަށް ރަނގަޅު ހިސާބެއްގައި،" ކޯޗު ބުންޏެވެ.
އާސެނަލްގެ ސަޕޯޓަރުން ފާޑުކިޔާ މައިގަނޑު ސަބަބަކީ ފާއިތުވެދިޔަ 20 އަހަރު ޕްރެމިއާ ލީގު ކާމިޔާބު ނުކުރެވުމާއި މި ސީޒަނުގައި އެފްއޭކަޕާއި ކަރަބޯ ކަޕުން ވެސް ކެޓުމެވެ. އަދި ހީނުކުރާ މެޗުތަކުން ބަލިވާތީ އެވެ.