ޚަބަރު

ފޯމު ހުށައެޅުމުގެ ކަންކަން އަވަހަށް ނިންމުމަށް އިސްކަންދީ


  • ފޯމު ހުށައެޅޭނީ މެއި މަހުގެ ނިޔަލަށް

  • 15،000 ގޯއްޗާއި 7،900 ފްލެޓަށް ވަނީ ހުޅުވާލާފައި

  • ލިޔެކިޔުން ފުރިހަމަކޮށް، އަވަހަށް ފޯމު ހުށައެޅުމަށް އިލްތިމާސްކުރޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ފޯމު ހުށައެޅުމަށް ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.

ހުޅުވާލާފައިވަނީ، 15،000 ގޯއްޗާއި 7،900 ފްލެޓަށެވެ. ކޮންމެ ބައެއްގައިވެސް މާލޭގެ ރައްޔިތުންނަށް ޚާއްސަ ކެޓަގަރީތަކާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްސަ ކެޓަގަރީތައް ހިމެނެއެވެ.

ސަރުކާރުން ގޯއްޗާއި ފްލެޓަށް ކެޓަގަރީތައް ކަނޑައެޅުމުގައި ދިރިއުޅުމުގެ އެކި ޙާލަތްތަކަށް ރިޢާޔަތްކޮށް ކެޓަގަރީތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރަށްވެހިންގެ އިތުރުން، ޚާއްސަ ކެޓަގަރީތަކަށް ބަހާލައިގެން 2،400 ފްލެޓް ކަނޑައަޅާފައިވެއެވެ. މިގޮތުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ހިމެނޭހެން ފުރަތަމަ ފަހަރަށް ސިނާޢަތްތަކުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ވަނީ ހުޅުވާލާފައެވެ. އަދި ޓެކްސީ ދަފުތަރުގައި ހިމެނޭ މީހުންނަށްވެސް ފެލެޓް ކެޓަގަރީއެއް ކަނޑައެޅިއެވެ.

އިޖުތިމާޢީ ބޯހިޔާވަހިކަމުން 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ދެ ޖިންސުގެ ދަރިން ތިބޭ މީހުންނަށް 3 ކޮޓަރީގެ ފްލެޓްތަކަށް އެޕްލައި ކުރެވޭގޮތްވެސް ވަނީ ހަދާފައެވެ.

ގޯތި ދިނުމުގައިވެސް މައިމުޅަވެފައިވާ މީހުންނާއި، މާލޭގައި ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.

އިތުރުކުރި ބައެއް ކެޓަގަރީތައް:

ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، އާއިލީ ބޯހިޔާވަހި ކަމަށެވެ. އެގޮތުން އާއިލާއަށް ލިބޭ އާމްދަނީއާއި އެއްފުރާޅެއްގެ ދަށުން ދިރިއުޅޭ މީހުންގެ އަދަދާއި، ދިރިއުޅުމުގެ ޙާލަތަކީ އެންމެ ބޮޑަށް ބަލާނެ ކަންކަމެވެ. މިއީ ދިރިއުޅުމުގެ ޙާލަތަށް ބަލާ، އެންމެ ޙައްޤުވެރިންނަށް ބޯހިޔާވަހިކަން ދިނުމަށް ކަނޑައަޅާފައިވާ އުސޫލެކެވެ.

3 ކޮޓަރީގެ އެޕާޓްމަންޓުގެ އަގު 10،000 ރުފިޔާ އަށްވުރެ މަތި ނުވާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ދެއްވައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތައް އިޢުލާނުކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުންތަކަށްފަހު، އާއްމުންގެ ޚިޔާލަށް ބަލާ ބައެއް ކެޓަގަރީތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ކުރިމަތިލެވޭ ގޮތަށް "ގޯތި ގެދޮރު"ގެ ނަމުގައި ޕްރޮގްރާމެއް ވަނީ ހުޅުވާލާފައެވެ.

އަދި ނިމުނު ސަރުކާރުގައި "ގެދޮރުވެރިޔާ" ސްކީމުގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން އެއްބަސްވާ ގޮތަށް ވަކިވަކިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ދޭން ވަނީ ނިންމާފައެވެ.

ދެން ހިމެނެނީ ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން "ބިންވެރިޔާ ސްކީމް"އަށް ކުރިމަތިނުލެވުނު ފަރާތްތަކުގެ ކެޓަގަރީއެވެ.

އަދި މިމަހުގެ 1ވަނަ ދުވަހު ވަނީ ޚާއްސަ ކެޓަގަރީއެއް ކަނޑައަޅާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ފުރުޞަތަށް ބެލެނިވެރިޔާގެ ނަމުގައި ފޯމު ހުށައެޅޭނެއެވެ.

ފޯމު ހުށައެޅުމަށް އިސްކަން ދިނުން:

ވީހާވެސް ގިނަ މީހުންނަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދީ، އަދި އިތުރުކުރި ކެޓަގަރީތަކަށް ވަގުތު ދިނުމުގެ ގޮތުން މި ސްކީމްތަކަށް މިހާރު ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތު މެއި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. މިއީ، މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

މިހާތަނަށް ބޯހިޔާވަހިކަމަށް އެދި 10،000އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެންމެ ގިނަ ބަޔަކު ފޯމު ހުށައަޅާފައިވަނީ ފްލެޓަށެވެ.

ސަރުކާރުން ދަނީ، ފޯމު ހުށައެޅުމުގެ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް އިލްތިމާސް ކުރަމުންނެވެ. އަދި ފޯމު ހުށައެޅުމުގައިވެސް، މާލޭގައި ދިރިއުޅުމުގެ މުއްދަތު ސާބިތުކޮށްދިނުމުގެ ލިޔުންތަކާއި، އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކޮށްފައި ފޯމު ހުށައެޅުމަށް އެދިފައިވެއެވެ. ފޯމު ހުށައެޅުމަށްފަހު، ބަދަލު ގެނައުމަށް ލިބޭނީ، އެންމެ ފުރުޞަތެކެވެ.

ސްކީމުތަކުގެ އެންމެހާ މަޢުލޫމާތާއި މާކްސް ދިނުމުގެ އުސޫލުތައް ގެޒެޓުގައިވަނީ ޝާއިއުކޮށްފައެވެ. ބޯހިޔާވަހިކަމަށް އެދި ފޯމު ހުށައެޅޭނީ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ.

ސަރުކާރުން ވަނީ، އެންމެ ނިކަމެތި ހާލަތުގައި ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ މާލޭގެ އާއިލާތަކަށް ޚާއްސަ ކެޓާގަރީއަކުންވެސް ފުރުޞަތު ދޭނެކަން އިޢުލާނުކޮށްފައެވެ. މިއީ ހަދާ ވަކި އެސެސްމަންޓެއްގެ ދަށުން ހުޅުވާލަން ނިންމާފައިވާ ފުރުޞަތެކެވެ. ސަރުކާރުން އަދި އެ ފުރުޞަތަށް ހުޅުވައެއް ނުލައެވެ.