ޚަބަރު

ބޮޑުތަކުރުފާނު މަގު: ބޮޑު ޕާކިން ޒޯނަކާއި، ޕާކިން ލޭނެއް


  • ޕާކިން ޒޯނުގައި 500 ސައިކަލު ޕާކު ކުރެވޭނެ

  • ފުރާ މީހުންނަށް މަޑުކޮށްލައިގެން ތިބުމަށް "ޝޭޑް އޭރިއާ"އެއް ހަދާނެ

  • ތޮއްޖެހުމަށް ލުއި ލިބޭނެ

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރަމުންދާއިރު، އެ މަގުގެ ފަރުމާއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މަގު ޒަމާނީ ބަދަލުތަކާއެކު ތާރުއަޅާ ތަރައްޤީކުރާއިރު، އެންމެ ބޮޑު އެއް ފަސޭހައަކަށްވަނީ މަގު އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމެވެ. އައު ފަރުމާގެ ދަށުން މަގުން ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާނެއެވެ.

މިހާތަނަށް އެ މަސައްކަތް ނިންމި، އިއްޒުއްދީނު ފާލަމުން ފެށިގެން ނޯތު ހަބަރާ ހަމައަށް އޮންނަ ސަރަޙައްދަށް ބަލާއިރުވެސް މި ލުއިފަސޭހަކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ. ފެރީ ލޯންޗުތަކާއި، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރާއި، މަސް ދޯނިތައް އަޅާ ޚިދުމަތްދޭ ސަރަހައްދުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ޓްރެފިކް ތޮއްޖެހުން ކުޑަވެ، މަގުގައި ދުއްވާ މީހުންނަށްވެސް އޭގެ ލުއިފަސޭހަކަން ވަނީ ލިބިފައެވެ.

މިހާރު ތަރައްޤީ ކުރަމުންދަނީ، އެމްޓީސީސީއާ ޙަވާލުކޮށް ކުރިއަށްގެންދާ އެ މަގުގެ ފަހު 4 ސެގްމަންޓުގެ މަސައްކަތެވެ. ފަހަރަކު ބައެއް ހިމެނޭހެން މަގު ބަންދުކޮށް، ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދަށް އެންމެ ބޮޑު ބަދަލެއް އަންނާނީ، މަގުގެ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

މަގުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު މިމަހުގެ 2ވަނަ ދުވަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ބިނާރާ ބެހޭ ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވީ، އެތަނުގައި ތަރައްޤީކުރަން ހަމަޖެހިފައިވަނީ 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ކަމަށެވެ.

ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވަނީ، ގާތްގަނޑަކަށް 98 މީޓަރު ދިގު 28 މީޓަރު ފުޅާ ސަރަހައްދެކެވެ. އެތަނަކީ، މާލެ ސިޓީ ގާޑެން ކުރިމަތިން އޮންނަ ސަރަޙައްދެވެ. މިހާރުވެސް އެތަނުގައި ކުޑަ ޕާކިން ޒޯނެއް އޮވެއެވެ.

ގިނަ އޯފީސްތައް ހިމެނޭ ސަރަހައްދަކަށް ވުމާއި، އެއާޕޯޓަށް ވަޒީފާއަށް ދާ މީހުންގެ އިތުރުން ރިސޯޓުތަކާއި އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދަތުރުކުރާ މީހުންވެސް އެ ސަރަޙައްދުގެ ޕާކިން ޒޯން ބޭނުން ކުރެއެވެ. މިހާރު އެ ސަރަޙައްދުގައި އެކަށީގެންވާ ޕާކިންއެއް ނެތެވެ. އޭގެ ސަބަބުން ޤަވާއިދާ ޚިލާފަށް ޕާކު ކުރުމާއި، ވެހިކަލްތައް ތޮއްޖެހުމުގެ ދަތިކަމާއެކު އެ ސަރަޙައްދުގައި ދުއްވުމަށާއި، ހިނގާބިނގާވެ އުޅުމަށް އަދި ފެރީގެ ޚިދުމަތްތައް ހޯދާ މީހުންނަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ.

މަގު ތަރައްޤީ ކުރާއިރު ފެރީތަކަށް ދޭ ޚިދުމަތެއްގެ ގޮތުގައި، ހިޔަލުގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް "ޝޭޑެޑް ވެއިޓިން އޭރިއާ"ވެސް ބަނދަރުގައި ތަރައްޤީ ކުރާނެއެވެ. އަދި ފުރާ މީހުން މަޑުކޮށްލުމަށް ބެންޗެއްވެސް ހުންނާނެއެވެ. އަދި އެކި ސެގްމަންޓުތަކުން މަގުން ފުޅާ ކުރާ ސަރަޙައްދުގައި، ޕާކިން ލޭނެއްވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމުމަކީ، ސަރުކާރުގެ ޢަމާޒެވެ.