ޚަބަރު

ވީހާވެސްގިނަ ބަޔަކު އަވަހަށް ނުކުމެ ވޯޓުލުމަށް އިލްތިމާސްކުރައްވައިފި


  • މިއިންތިޚާބުގައި 5 ދާއިރާއެއްގެ ވޯޓުލުން ކުރިއަށްދާނެ

  • އިއަދުވެސް ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާނީ ރަނގަޅަށް

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމުގައި ވީހާވެސް އަވަހަށް ނުކުމެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު އިލްތިމާސްކުރައްވައިފިއެވެ. އިލެކްޝަންސްގެ ރައީސް ވިދާޅުވީ، އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި ހުންނާނީ ޤާނޫނާއި ގަވާއިދުގައި ބަޔާންކުރާގޮތުގެ މަތިންކަމަށެވެ.

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގައި ނަތީޖާ އެއްވަރުވީ 5 ދާއިރާއެއްގެ އެކި މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހިއިރުގައެވެ. މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި މިބުރުގައި ވޯޓުލުމަށް 14 ވޯޓު ފޮއްޓެއްވަނީ ބަހައްޓާފައެވެ.

ވޯޓުގެ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވި 3 އިންތިޚާބުގައި ވޯޓުލުމަށް ހޭދަވި ވަގުތާ އަޅާ ބަލާއިރު، މިއަދުގެ ވޯޓުލުމަށް ހޭދަވާ ވަގުތު ކުޑަކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒަށްވަދެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެހުމާއި ވޯޓުފޮއްޓަށް އެޅުމަށްފަހު ނުކުތުމާއި ދެމެދު ހޭދަވަނީ އެވްރެޖްކޮށް 1 މިނިޓުކަމަށެވެ. މިކަމުން ހާމަވަނީ މިފަހަރުގެ އިންތިޚާބުގެ އިންތިޒާމުތައްވެސް ރަނގަޅުކަންކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

"އުއްމީދުކުރަނީ މިއަދުގެ ވޯޓު ހުރިހާ ރައްޔިތުންވެސް ނިމިދިޔަ އިންތިޚާބުގައި ވޯޓުލީ ފަދއިން ނިކުމެ ގިނަ ވީހާވެސް ގިނަބަޔަކު ޝައުގުވެރިކަމާއެކު ވޯޓުލާނެކަމަށް. ވޯޓުންނޭ ރައްޔިތުންގެ ބަސް އިއްވޭނީ." މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.

އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8އިން ހަވީރު 4 ޖެހުމާހަމައަށެވެ. 5 ދާއިރާއެއްގެ އިތުރުބުރުގައި ވޯޓުލުން ކުރިއަށްދާއިރު މިދާއިރާތަކުން 6093 މީހުންނަށް ވޯޓުލުމުގެ ޙައްގުވަނީ ލިބިފައެވެ.

މިއަދު ވޯޓުލުން ކުރިއަށްދަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށާއި، ފުވައްމުލަކު ދަޑިމަގު ދާއިރާއިން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށާއި، ހއ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ.ނޭކުރެންދޫ އަދި ލ. މާވަށުގވެސް އަންހެނުންގެ ކޮމިޓީގެ މެމްބަރަކު އިންތިޚާބުކުރުމަށެވެ. މިދާއިރާތަކުގެ ވޯޓާއި ގުޅިގެން މާލެއާއި ރަށްރަށުގައި 14 ވޯޓުފޮއްޓެއްވަނީ ބަހައްޓާފައެވެ.