ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އެނބުރި ދިވެހި ފުޓުބޯޅައިގެ ތެރެއަށް އައިސް، ކާމިޔާބީތައް ހޯދަން ފެށުމުން، ރާއްޖޭގައި މި ކުޅިވަރަށް ދިރުމެއް ލިބި ކުރިއަރާތަން ފެންނަމުންދާކަމަށް އެ ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
ނުވަ އަހަރަށްފަހު އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދުމަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން މުބީން ވިދާޅުވީ، ލިބުނު ކާމިޔާބީއާ އެއްވަރަށް، ދަނޑަށް މީހުން ވަންނަ އަދަދު އިތުރުވެ، ފުޓުބޯޅަ ކުރިއަރާތަން ފެނުމުން ނުހަނު އުފާވާ ކަމަށެވެ.
ނިއުރޭޑިއަންޓުގެ އެނބުރި އައުމާއެކު ދަނޑަށް ސަޕޯޓަރުން އަންނަ މިންވަރު އިތުރުވަމުންދާ ކަމަށާއި، ހަގީގަތަކީ ނިއުރޭޑިއަންޓާއި ދިވެހި ފުޓުބޯޅައާ ގުޅިފައިވުންކަން މުބީން ފާހަގަކުރެއްވިއެވެ.
އަދި ނިއުގެ ކާމިޔާބީތަކާއެކު، ފުޓުބޯޅައިގެ ފޯރި ގަދަވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވަރަށް އުފާވެއްޖެ. އެންމެފުރަތަމަ ކަމަކަށް އަޅުގަނޑަށް އުފާ އިހުސާސްކުރެވެނީ މި ދަނޑަށް ދިރުން އަންނަމުން އެބަދޭ. ދިވެހި ފުޓުބޯޅަ މަޑުމަޑުން ދިރެމުން އަންނަތަން އެބަފެނޭ. އަބަދުވެސް އަޅުގަނޑު ދައްކަމުން އަންނަ ވާހަކައެއް، ނިއުރޭޑިއަންޓު މިތަނަށް އައިސް، ދަނޑަށް އައިސް ކުޅެން ފެށީމަ މި ދަނޑަށް ޖޯޝު ލިބޭނޭ. ފޯރި އެބަ ލިބޭ. ޙާއްސަކޮށް ނިއުރޭޑިއަންޓަށް ކާމިޔާބު ލިބުމާ އެއްކޮށް މި ކުޅިވަރު ދިރެމުންދާނޭ. އެއީ ހަގީގަތް. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތް. ބައެއް ފަހަރު އަޅުގަނޑުމެންނަށް އުނދަގޫވެދާނެ މި ވާހަކަތައް އަހަން. އެކަމަކު ހަގީގަތަކީ އެއި" މުބީން ވިދާޅުވިއެވެ.
މުބީން އިތުރަށް ވިދާޅުވީ، ޤައުމީ ޓީމު ކުޅޭ މެޗުތައް ބެލުމަށް ވެސް ނިއުގެ އެފްއޭ ކަޕް ފައިނަލް ބެލުމަށް ދަނޑަށް ވަތް އަދަދަށް ސަޕޯޓަރުން ދަނޑަށް ވަދެފައި ނުވާ ކަމަށެވެ. އެހެންކަމުން ނިއުއާ ނުލައި ދިވެހި ފުޓުބޯޅައަށް ލިބޭނެ މޮޅެއް ނެތްކަމަށް މުބީން ވިދާޅުވިއެވެ.
"އެންމެފަހުން ގައުމީ ޓީމު ކުޅުނު މެޗުގައި ސަޕޯޓަރުން ނުވަންނަ އަދަދަށް މި މެޗު (ނިއުރޭޑިއަންޓާއި ޓީސީ ބައްދަލުކުރި ފައިނަލް މެޗު) ބަލަން ސަޕޯޓަރުން ދަނޑަށް ވަދެފައިވާކަން ފެންނާނެ ހުރިހާ ނޫސްވެރިންނަށް ވެސް. ނިއުރޭޑިއަންޓާ ނުލައި ދިވެހި ފުޓުބޯޅަ ކުރިނާރާނެ. އެ ވާހަކަ އަޅުގަނޑުމެން ދައްކަމުން މި އަންނަނީ. މިތާނގަ އައިސް ބޮޑެތި ކުލަބުތައް ކުޅެން ޖެހޭނީ". ދިވެހި ފުޓުބޯޅައިގެ ކުރިއެރުމާއި ނިއުރޭޑިއަންޓާ ގުޅިފައިވާ މިންވަރު ކިޔައިދެއްވައި މުބީން ވިދާޅުވިއެވެ.
މި ސީޒަން ފެށިއިރު ވެސް ނިއުއިން ޓާގެޓު ކަނޑައެޅީ މަދުވެގެން އެއް ތަށި ހޯދަން ކަމަށާއި، ކަން ދިމާކުރިގޮތުން ނިއުއާ ވަރަށް ބޮޑަށް ގުޅިފައިވާ އެފްއޭ ކަޕުގެ ތަށި ހޯދައި، އެ ޓާގެޓު ހާސިލްވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވިކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނިއުރޭޑިއަންޓަކީ ދިވެހި ފުޓުބޯޅައިގައި މިވަގުތު އެންމެ ވަރުގަދަ ފޭން ބޭސްއެއް އޮތް ކުލަބެވެ. އެ ޓީމުގެ ސަޕޯޓަރުން، އެ ޓީމުން ކުޅޭ ކޮންމެ މެޗެއްގައި ދޭ ހިތްވަރާއި، ދައްކާ ޖޯޝަކީ އެހެން އެއްވެސް ކުލަބެއްގެ ސަޕޯޓަރުންގެ ފަރާތުން މިހާރު ފެންނަ ކަމެއް ނޫނެވެ.