ކުޅިވަރު

ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ލަތީފް އިންތިހާބްކޮށްފި


ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް އެމްއާރުޑީސީގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި މުޙައްމަދު ލަތީފް އިންތިޚާބުކޮށްފިއެވެ.

ކުރީގެ ވޮލީ ކުޅުންތެރިޔާ ވޮލީ އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިޚާބްކުރީ ރޭ ޒުވާނުންގެ މަރުކަޒުގައި، ވޮލީ ބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް ބޭއްވި އިންތިޚާބީ ޖަލްސާގައެވެ. އިންތިޚާބްގައި ވޯޓް ދިނުމުގެ ޙައްޤުލިބިފައިވާ 12 ކުލަބް ހިމެނޭއިރު، ރައީސްގެ މަޤާށް ލަޠީފް ހޮވިފައިވަނީ ސާފް އަޣްލަބިއްޔަތުންނެވެ. ލަޓީފަށް 12 ވޯޓް ލިބިފައިވެއެވެ. ރައީސްގެ މަޤާމަށް ލަޠީފާ ވާދަކުރި އިސްމާޢީލް ރިފާޢުއަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ.

ލަތީފް ރައީސްކަމަށް ކުރިމަތިލާފައިވަނީ ޔޫތް ސްޕޯޓްސް ކުލަބްގެ ފަރާތުންނެވެ. އަދި ރިފާޢު ރައީސްކަމަށް ކުރިމަތިލާފައިވަނީ އަމިއްލަ ގޮތުންނެވެ. ނާއިބް ރައީސަކަށް ހޮވާފައިވަނީ ޢިއްޒަތު ވަޙީދެވެ. މި މަޤާމަށް ކުރިމަތިލާފައިވަނީވެސް ޢިއްޒަތު އެކަންޏެވެ. ޢިއްޒަތު ނާއިބު ރައީސަކަށް ހޮވަން ފެންނަކަމަށް 11 ވޯޓް ލިބިފައިވާއިރު، ނުފެންނަކަމަށް 1 ވޯޓް ދީފައިވެއެވެ. ޢިއްޒަތު ކުރިމަތިލާފައިވަނީ މާތޮޑާ ސްޕޯޓްސް ކުލަބްގެ ފަރާތުންނެވެ.

ޚަޒާންދާރުގެ މަޤާށް ހޮވުނީ މުޙައްމަދު ރަނޭޝްއެވެ. މިމަޤާމަށް ރަނޭޝް އެކަނި ކުރިމަތިލާފައިވާއިރު، ރަނޭޝަށް އެގާރަ ވޯޓް ލިބިފައިވެއެވެ. އަދި ނުފެންނަކަމަށް ވޯޓްދިނީ އެއް ކުލަބުންނެވެ. ރޫލްސް ކޮމިޝަނަށް ހޮވުނީ ޢަލީ އިޔާޒް، އިބްރާހީމް ފަލާޙް އަދި ޢަދުނާން ޢަބްދު ރަހީމެވެ. ޓެކްނިކަލް އެންޑް ޑިވޮލޮޕްމަންޓް ކޮމިޝަންގެ މެންބަރުކަމަށް ހޮވުނީ، ޙަސަން އަޤްލީން ސައްފާން މުޙައްމަދު އަދި މުޙައްމަދު ނަދީމެވެ.

img:http://s2.psmnews.mv/images/660x400/14753469608208.jpg|ވޮލީ އިންތިޙާބްގެ ތެރެއިން (ފޮޓޯ: މިހާރު)

ބީޗް ވޮލީ ކޮމިޝަނަށް ހޮވުނީ ޚާލިދު މުޙައްމަދު، މައުމޫރް މުޙައްމަދު، އިސްމާޢީލް ޢަބްދުﷲ، އަދި އިސްމާޢީލް ޝަރީފެވެ.

ބީޗް ކޮމިޝަނުގެ 6 މަޤާމުގެ ތެރެއިން އިންތިޚާބުކޮށްފައިވަނީ 4 މެމްބަރުންނެވެ. އިތުރު 2 މެންބަރުން ބީޗް ކޮމިޝަނަށް ހޮވުމަށް ހަމަޖެހިފައިވާތީ އެކަން އިންތިޚާބީ ކޮމެޓީމް ޙަވާލްކޮށްފައިވަނީ އަލަށް ހޮވުނު އެކްސްކޯއާއެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް ހޮވުމަށްފަހު މުޙައްމަދު ލަޠީފް ބުނީ، މި އެޅިގެންދިޔައީ ދިވެހި ވޮލީބޯޅައިގެ މުޅިން އާ ބިންގަލެއްކަމަށާއި މިއާއެކު މާލެއިން ބޭރަށް ވޮލީ ފުޅާކޮށް، މުޅި ރާއްޖޭގައި ވަރަށް މަޤްބޫލް ކަމާއެކު ކުޅޭ ކުޅިވަރަކަށް ވޮލީ ހަދާނެކަމަށެވެ. އަދި ވޮލީގެ ރައީސްކަމާ ޙަވާލުވީ ފަސް އެބުރި ބަލަން ނޫންކަމަށާއި ބޭނުމަކީ ވޮލީ އެހެން ލެވެލަކަށް ގެންދިއުކަމަށްވެސް ލަޠީފް  ވަނީ ބުނެފައެވެ.

މި އިންތިޚާބަކީ މި އަހަރު ކުރީކޮޅު ބޭއްވި ވޮލީ އިންތިޚާބުގެ މައްސަލަ ސިވިލް ކޯޓަށް ވެއްދުމުން، ހޯމް މިނިސްޓަރީން އިންތިޚާބު ބާޠިލްކޮށް އަލުން މަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވި އިންތިޚާބެކެވެ. ބާތިލްކުރި އިންތިޚާބު ކާމިޔާބުކުރީ މިދިޔަ ދެ ދައުރުގެ ރައީސް އަދި ކުރީގެ އެއްވަނަ ރެފްރީ މުޙައްމަދު ރިޔާޒެވެ. އަލުން އިންތިޚާބު ބޭއްވުމުން ރިޔާޒު ވާދަކޮށްފައެއް ނުވެއެވެ.