ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުތެރޭ ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާ ފެށިގެންދާނެކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވީ، މިއަހަރު ވެގެންދާނީ ހުވަދުއަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އަހަރަކަށްކަމަށެވެ. އެގޮތުން މިއަހަރުތެރޭ އެ ހޮސްޕިޓަލުގައި މުޅިން އައު ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އަޝްރަފް ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކުގެ ފަރުވާއަށް ޑރ.އބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޮންނަ ޑިމާންޑުވެސް އިތުރުވަމުން އަންނަކަމަށެވެ.
އެހެންކަމުން އެ ޚިދުމަތައް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފަރުވާ ހޯދޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކުގެ ފަރުވާގެ ޚިދުމަތް މިއަހަރުތެރޭ ފެށުމަށް މިހާރު ތައްޔާރުވަމުންއަންނަކަމަށް އަޝްރަފް ވިދާޅުވިއެވެ. އެގޮތުން އެ ދާއިރާތަކަށް ބޭނުންވާ ޚާއްސަ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ، އެ ހޮސްޕިޓަލުގައި މި ޚިދުމަތްތައް ޤާއިމްކުރެވުމާއެކު އެއާ އެމްބިއުލާންސްއަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށެވެ.
"ޔޫރޮލޮޖީއާއި ޕަލްމޯ މިއަހަރުތެރޭ އަޅުގަނޑުމެން ޚިދުމަތަށް ގެންނާނަން. އޭގެ ސަބަބުން މި ރީޖަންގައި އެއާ އެބްލުއާންސްއަށް ކުރާ ހޭދަ ބޮޑުތަނުން ކުރެވިގެންދާނެ. ސަބަބަކީ އަޅުގަނޑުމެންގެ ޕޮޕިއުލޭޝަން މި މޫވް ކުރަނީ އޭޖިން ޕޮޕިއުލޭޝަނަކަށް. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ މިބުނާ ދާއިރާތަކުގެ ޑިމާންޑް މި ހިސާބުގަވެސް ބޮޑުކަން. އެހެންވީމަ އަޅުގަނޑުމެންނަށް ޚިދުމަތަށް އެ ޑޮކްޓަރުން ގެނެވުނީމަ އެއީވެސް އެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް." އަޝްރަފް ވިދާޅުވިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުތެރޭ މުޅި އައު ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު، ޓާޝިއަރީ އިމާރާތުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އަޝްރަފް ވިދާޅުވިއެވެ.
ހޮސްޕިޓަލުގައި އަލަށް ޤާއިމްކުރެވޭ ޚިދުމަތްތަކާއެކު، ޚިދުމަތްތަކަށް ބޭނުންވާ ޚާއްސަ ޑޮކްޓަރުން ގަނއުމުގެ މަސައްކަތްތަކާއި، މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އެގޮތުން މި އަހަރުތެރޭ އެ ހޮސްޕިޓަލަށް އިތުރު 30 މުވައްޒަފުން ނެގިގެންދާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.