ޚަބަރު

ހަނގުރާމާގައި ޔަހޫދީންނަށް 17 ބިލިޔަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް


އީރާނާއި ލުބްނާނާ ދެކޮޅަށް ޔަހޫދީން އިސްވެ ފަށާފައިވާ ނިރުބަވެރި ޢުދުވާނުގައި، ޔަހޫދީންނަށް ލިބުނު ގެއްލުންތަކުގެ އަގު 17.5 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތިވާނެކަމަށް ބުނެފިއެވެ.

ފެބްރުއަރީ 28ގައި އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނުގެ ރައްދުގައި، އީރާނުން ވަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކަށް ވަރުގަދަ ޙަމަލާތައްދީ، ބޮޑެތި ގެއްލުންތައް ދީފައެވެ.

އީރާނަށް ދޭ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާޙިދުންގެ ޖަމާޢަތް، ޙިޒްބުﷲއިން ވެސް ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ، ޔަހޫދީންނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ޔަހޫދީންގެ ވެރިރަށް ތެލްއަވީވްގެ މޭޔަރު ބުނި ގޮތުގައި، އީރާނާއި ލުބްނާނުން ދިން ޙަމަލާތަކުގައި، 1،000އަށް ވުރެ ގިނަ ގެ، ދިރިނޫޅެވޭ މިންވަރަށް ސުންނާފަތިވެފައިވާ ކަމަށެވެ.

ތެލްއަވީވް އާއެކު ޔަހޫދީންގެ ބޮޑެތި އެހެން ސިޓީތަކަށްވެސް ޑްރޯނާއި މިސައިލް ޙަމަލާތައް އީރާނާއި ލުބްނާނުން އަމާޒުކޮށްފައިވާއިރު، އިމާރާތްތަކުގެ އިތުރުން މަގުތަކާއި ވެހިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އޭނާ ބުންޏެވެ.

މިގޮތުން، ހަނގުރާމައިގެ 40 ދުވަހުގެ ތެރޭގައި ލިބުނު ގެއްލުމުގެ އަގު 17.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ޔަހޫދީން ވަނީ ލަފާކޮށްފައެވެ.

އެއީ އަދި ގެއްލުން ލިބުނު ތަންތަން މަރާމާތުކުރުމަށް ހިނގާނެ ޚަރަދު ނުހިމަނައެވެ.

ޔަހޫދީންގެ މީޑިއާތަކުން ބުނާ ގޮތުގައި، މި ހަނގުރާމައިގެ ތެރޭގައި 30،000 އެއްހާ ޔަހޫދީން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ކަމާގުޅޭ އިދާރާއަށް ހުށަހަޅައިފައެވެ.

އޭގެތެރޭގައި، އިމާރާތްތަކަށާއި، ތަކެއްޗަށް އަދި ވެހިކަލްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ހިމެނޭކަމަށް ބުނެފައިވެއެވެ.

ބަދަލު ދިނުމަށް އެކަނި، އޭޕްރީލް 8 ވަނަ ދުވަހާ ހަމައަށް 2.2 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެކަމަށް ޔަހޫދީން ވަނީ ލަފާކޮށްފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު، އީރާނާ ދެކޮޅަށް ޔަހޫދީން ކުރިއަށް ގެންދިޔަ 12 ދުވަހުގެ ޢުދުވާނުގައި ހަމައެކަނި ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހުނު އަދަދު 750 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރެވެ.