މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާ
ތީ ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ނެދަލެންޑްސްގައި ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.
ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ނެދަލެންޑްސްއިން ވަނީ 1 ބިލިޔަން ޔޫރޯގެ ބަޖެޓެއް ކަނޑައަޅައިފައެވެ. އެ މަސައްކަތުގެ ދަށުން އެ ޤައުމުން ޓެކްސްއާ ގުޅޭ ލުއިތައް ދިނުމަށް ނިންމާފައި ވަނީ ވަޒީފާއަށް ދިޔުމަށް ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ މީހުންނަށާއި ޓްރަކް ޑްރައިވަރުންނާއި މަސްވެރިންނަށެވެ. ކުރިއަށް އޮތް ތަނުގައި ހަކަތައިގެ ދާއިރާއަށް ކުރިމަރިވެފައިވާ ދަތިތައް އިތުރުވެދާނެ ކަމަށް އެ ކަމަށް ތައްޔާރުވުމަށް ވެސް އެ ޤައުމުގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
އޭގެ އިތުރުން ގޭބިސީތަކުގައި ހަަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ވެސް ނެދަލެންޑްސްގެ ސަރުކާރުން އެހީތެރިވާނެއެވެ. އަދި ދަތިކޮށް އުޅޭ ޢާއިލާތަކަށް ކަރަންޓު ބިލު ދެއްކުމަށް ވެސް އެހީތެރިވެދޭނެއެވެ.
ނެދަލެންޑްސްގެ ސަރުކާރުން ބުނީ އެ ޤައުމަށް މި ވަގުތު ތެލުގެ ދަތިކަން ކުރިމަތިވެފައި ނުވާ ކަމަށެވެ. ކުރިއަށް އޮތް އެއް އަހަރު ދުވަހު ބޭނުންކުރެވޭ މިންވަރަށް ތެލާއި
ޑީސެލްއާއި ޖެޓް ފިއުލް ހުރި ކަމަށް ބެލެވެއެވެ.
ނެދަލެންޑްސްއިން ވަނީ ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލަ ޙައްލުކުރުމަށް އެކުލަވާލާފައިވާ ރޭވުމެއްގެ ފުރަތަމަ މަރުޙަލާ ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ. އެ މަރުޙަލާގައި ހަކަތައިގެ ބާޒާރުގެ ކަންކަން ގާތުން ބަލައި، ތައްޔާރީ ފިޔަވަޅުތައް އަޅާނެއެވެ. އެ ރޭވުމަކީ 2022ވަނަ އަަހަރުގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުން ހަކަތައިގެ ދަތިކަން ކުރިމަތިވުމުން ތައްޔާރުކޮށްފައިވާ ރޭވުމެކެވެ. މިއީ ހަތަރު މަރުޙަލާއަކަށް ބެހިގެންވާ މި ރޭވުމަށް ނެދަލެންޑްސްއިން ޢަމަލުކުރަން ފަށާ ފުރަތަމަ ފަހަރެވެ.