ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް ހަމަލާތައް އަމާޒުވަމުންދާތީ، އަދި އެމެރިކާއާއި އީރާންއާ ދެމެދު ޞުލްޙައިގެ މަޝްވަރާތައް ކުރިއަށްދާނެކަން ޔަޤީން ނުވާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް އުފުލިއްޖެއެވެ.
ލުބުނާނާއީ ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓާލި ކަމަށް އެއްބަސްވުމުން މިދިޔަ ހުކުރު ދުވަހު ތެލުގެ އަގު ހުރީ ފީފާއެއް 90.40 އެމެރިކާ ޑޮލަރަށެވެ. އެއްބަސްވުމާއެކު އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވައިލި ނަމަވެސް، އެމެރިކާއިން އީރާނުގެ ބަނދަރުތަކުން އެ ޤައުމުގެ އުޅަނދުފަހަރު ލަފާފުރުމަށް ހުރަސްއަޅަން ފެށުމުން އީރާނުން ވަނީ އެ ނިންމުން އަނެއްކާ ވެސް ބަދަލުކޮށްފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އޭޝިޔާގައި ތެލުގެ އަގުތައް ވަނީ 7 އިންސައްތަ އުފުލިފައެވެ. އޭގެ ފަހުން އަގުތައް ވަނީ ކުޑަކޮށް ތިރިއަށް ޖެހިލައިފައެވެ. އެއާއެކު ފީފާއެއްގެ އަގު ހުރީ 94.69 އެމެރިކާ ޑޮލަރަށެވެ.
ތެލުގެ އަގު އަނެއްކާ ވެސް އުފުލިފައި މި ވަނީ އެމެރިކާއިން އީރާނުގެ އުޅަނދަކަށް ހުރަސްއަޅައި އަތުލައިގެންފައި ވަނިކޮށެވެ. އެ އުޅަނދު ހިފަހައްޓާފައިވާ ކަން އިޢުލާނުުކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. އޭގެ ކުރިން އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަން ސެންޓަރު، ޔޫކޭއެމްޓީއޯއިން ވަނީ ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރި ދެ އުޅަނދަކަށް ޙަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ބުނެފައެވެ.