ކުޅިވަރު

ސައޫދީގެ ކޯޗުކަން ގްރީސްގެ ޑޯނިސް އަށް


ސައޫދީ އަރަބިއާގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ޖޯޖިއޯސް ޑޯނިސް އަށް ދީފި އެވެ.

ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ކޯޗުކޮށް ދެމުން އައީ ސައޫދީ ޕްރޯ ލީގުގެ އަލް ހަލީޖަށެވެ. މިއީ އޭނާ ކޯޗުކޮށްދިން ސައޫދީ އަރަބިއާގެ ހަތަރު ވަނަ ކުލަބެވެ. މިހެން ކަމުން ސައޫދީގެ ކުޅުންތެރިންނާއި ފުޓްބޯޅަ އަށް އޭނާ އަކީ ފަރިތަ މީހެކެވެ. އުމުރުން 56 އަހަރުގެ ޑޯނިސް އަކީ ގްރީސްގެ ކުރީގެ ކުޅުންތެރިއެކެވެ.

"އޭނާ އަކީ ސައޫދީ ލީގުގެ ތަޖުރިބާ ގިނަ މީހެއް. ހާއްސަކޮށް އޭނާގެ މިހާރުގެ (އެންމެ ފަހުންހުރި) މަގާމަކީ އޭނާ އަށް މި މަގާމު ލިބެން މެދުވެރި ސަބަބެއް. އޭނާ އަކީ ވަރަށް އަވަހަށް ކަންކަމަށް ހޭނެން އެނގޭ މީހެއް،" ސައޫދީ އަރަބިއާގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

ވޯލްޑް ކަޕުގައި ސައޫދީ ހިމެނެނީ އުރުގުއޭ އާއި ސްޕޭނާއި ކޭޕް ވާޑޭއާއެކު ގްރޫޕް އެޗްގަ އެވެ.

ސައޫދީގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ފްރާންސްގެ ހާވް ރެނާޑެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އަތުން ސައޫދީން މޮޅުކޮށްދިން ކޯޗު މަގާމުން ވަކިކުރި ސަބަބެއް ފެޑަރޭޝަނުން ވެސް ނުބުނެ އެވެ. އެކަމަކު އޭނާގެ މަގާމާމެދު ސުވާލު އުފެންދެން ފެށީ ރަހުމަތްތެރިކަމުގެ މެޗެއްގައި މިސުރު އަތުން 4-0އިން އަދި ސާބިއާ އަތުން 2-1އިން ބަލިވުމުންނެވެ.

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕަށެވެ. ފުރަތަމަ ފަހަރަށް ޖުމުލަ 48 ގައުމު ކުޅޭ މުވާރާތް ފަށާނީ ޖޫން 11 ވަނަ ދުވަހު އެވެ.