ދެކުނު އެފްރިކާގެ މަޝްހޫރު ސަޕޯޓަރު "މަމާ ޖޯއީ" ޗައުކޭ އަށް ވޯލްޑް ކަޕުގައި ސަޕޯޓް ކުރަން ދާން ޓިކެޓް ލިބިއްޖެ އެވެ.
މަމާ ޖޯއީ މަޝްހޫރުވެފައިވަނީ ދެކުނު އެފްރިކާގެ ޓީމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ޖޫން 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި ކުޅެން އެމެރިކާ އަށް ދާން އޭނާ އަށް ޓިކެޓް ދޭން އެ ގައުމުގެ ސަރުކާރުން ވަނީ އިންކާރު ކޮށްފަ އެވެ.
އެ ގައުމުގެ ސްޕޯޓްސް، އާޓްސް އަދި ކަލްޗަރ މިނިސްޓަރު ގައިޓޮން މެކްކެންޒީ ވިދާޅުވީ އޭނާ ބަލަހައްޓަވާ މިނިސްޓްރީން 2023 އިން ފެށިގެން މިހާތަނަށް މަމާޖޯއީ އަށް އެކި މުބާރާތްތަކަށް ދިއުމަށް ހަތް ލައްކަ ރޭންޑް (42000 ވުރެ ގިނަ ޑޮލަރު) ހޭދަކޮށްފައިވާ ކަމަށެވެ. މިހެންވެ ވޯލްޑް ކަޕަށް ދާން އެހީތެރިވެވެން ނެތް ކަމަށެވެ.
ނަމަވެސް މަމާ ޖޯއީ ވަނީ އޭނާ އަށް ސްޕޮންސަރެއް މެދުވެރިވެގެން ވޯލްޑް ކަޕަށް ދެވޭގޮތް ވެފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އޭނާ އަށް މި ފަހަރު އެހީތެރިވެދިނީ ކުޅިވަރު ސާމާނު އުފައްދާ ފެޝަން ކުންފުންޏެއް ކަމަށްވާ އެބޯވްނޯމަލް އިންނެވެ. އަދި އޭނާ ވަނީ ސަރުކާރުން އެހީވުމުން ނުސީދާކޮށް ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފަ އެވެ.
"އަހަރެން ވޯލްޑް ކަޕަށް ދާނަން. އަހަރެން މިހުރީ ވަރަށް އުފަލުން މި ފުރުސަތު ލިބުމުން. މީގެ މާނައަކީ ރަނގަޅު މީހަކު ފަހަތަށް އެއްލާނުލެވޭނެކަން. ހެއްދެވި ފަރާތުން އެކަމެއް ވާނެ ގޮތް މެދުވެރިކުރެއްވީމާ އެހެން މީހަކަށް ނުހުއްޓުވޭނެ. (އެބޯވްނޯމަލް)ގެ އެމްބެސެޑަރަކަށް ވާން އަހަރެންނަށް ގުޅީމަ އަހަރެން ހުރީ ވަރަށް ހައިރާންވެފައި،" މަމާ ޖޯއީ ބުންޏެވެ.
ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ހިމެނެނީ މެކްސިކޯ އާއި ދެކުނު ކޮރެޔާ އާއި ޗެކް ރިޕަބްލިކާއެކު ގްރޫޕް އޭގަ އެވެ.
އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕަށެވެ. ފުރަތަމަ ފަހަރަށް ޖުމުލަ 48 ގައުމު ކުޅޭ މުވާރާތް ފަށާނީ ޖޫން 11 ވަނަ ދުވަހު އެވެ.