ކުޅިވަރު

ވޯލްޑް ކަޕް: ސިންގަޕޫރު އެއާލައިންސް ފްލައިޓްތަކުން މެޗުތައް ދައްކަނީ


އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ސިންގަޕޫރު އެއާލައިންސްގެ ފްލައިޓްތަކުގައި ދައްކަން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނީ ޖޫން 11އިން ޖުލައި 19 އަށް އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތުގެ މެޗުތައް ވަގުތުން ދައްކާނީ އެ ކުންފުނީގެ އެންމެ ބޮޑެތި އަދި އެންމެ ޒަމާނީ ބޯޓުތަކުގައި ކަމަށެވެ.

މި ގޮތުން ސްޕޯޓްސް 24 އާއި ކްރިސް ވޯލްޑް ލައިވް ޓިވީ މެދުވެރިކޮށް މެޗުތައް ދައްކާނީ ބޯއެންގް 787-10 އާއި 737-8ގެ އިތުރުން 41 އެއާބަސް A350-900 އާއި ބޯއެންގް އީރް300-777 އެއާ ކްރާފްޓް ތަކުގައި ކަމަށެވެ.

އެ ކުންފުނިން ބުނީ މެޗުތައް ދެއްކުމަށް ބޭނުންވާ ކަންކަން ބްރޯޑްކާސްޓަރުންނާއެކު ކުރަމުންދާ ކަމަށެވެ. އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ކަސްޓަމާސް އެޓް އެސްއައިއޭ ޔޯ ޕީ ޓެއިކް ވިދާޅުވީ ދަތުރުވެރިންނަށް ކަމުދާނެ ކަންކަން ތައާރަފް ކުރަމުންދާ ކަމަށާއި މުނިފޫހިފިލުވުމުގެ ކަންކަން ތައާރަފް ކުރަމުންދާ ކަމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ކުޅޭ މުބާރާތުގައި ޖުމުލަ 104 މެޗު ކުޅޭނެ އެވެ.