ނިއުކްލިޔަރ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ މުޢާހަދާ (އެންޕީޓީ) މުރާޖާކުރުމަށް އެކުވެރި ދައުލަތްތަކުން (އދ) ބާއްވާ ކޮންފަރެންސްގެ ނައިބު ރައީސެއްގެ މަޤާމަށް އީރާން ހޮވުމާ ގުޅިގެން، އެމެރިކާއާއި އީރާނާ ދެމެދު ވަރުގަދަ ބަހުގެ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ. އެޕްރީލު 27 ގައި ފެށި މި ބައްދަލުވުމުގެ ރިޔާސަތުން ބުނީ، އެންޕީޓީގެ މުރާޖާގައި ބައިވެރިވާ 34 ނައިބު ރައީސުންގެ ތެރެއިން މަޤާމެއް އަދާކުރުމަށް އީރާނަށް ފުރުޞަތު ދިނުމަށް ހުށަހަޅާފައި ވަނީ ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ ގުރޫޕުން ކަމުގައެވެ. ނަމަވެސް، އެމެރިކާގެ ބިޔުރޯ އޮފް އާމްސް ކޮންޓްރޯލްގެ އެސިސްޓެންޓް ސެކްރެޓަރީ ކްރިސްޓޮފަރ ޔޯ ވަނީ، އީރާނުގެ ނިއުކްލިއަރ މަޝްރޫޢަކީ މުޢާހަދާއަށް އޮތް ގޮންޖެހުމެއްކަން ފާހަގަކުރައްވައި، މިއީ މުޅި ކޮންފަރެންސްގެ އިތުބާރު ގެއްލޭފަދަ ލަދުވެތި ނިންމުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އެޓޮމިކް ހަކަތައާ ބެހޭ އިދާރާއަށް (އައިއޭއީއޭ) އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޒާ ނަޖަފީ ވިދާޅުވީ، އެމެރިކާގެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ޕްރޮޕެގެންޑާއެއް ކަމުގައެވެ. އަދި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށް، މިހާރުވެސް އޭގެ ޒަމާނީ ވަޞީލަތްތައް އިތުރުކުރަމުންދާ ޤައުމަކަށް، އެހެން ޤައުމުތަކުގެ ސުލްޙަވެރި މަޝްރޫޢުތަކާ ބެހޭގޮތުން ފާޑުކިޔުމުގެ ޝަރުޢީ ހައްޤެއް ނޯންނާނެ ކަމުގައެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ހަމައެކަނި މަދަނީ އަދި ސުލްޙަވެރި ބޭނުންތަކަށް ހިންގަމުންދާ ޕުރޮގުރާމެއް ކަމުގައެވެ. ނަމަވެސް، ހުޅަނގުގެ ބާރުތަކުން ތުހުމަތުކުރާ ގޮތުގައި، 2003 ވަނަ އަހަރާ ހަމައަށް އީރާނުން ދިޔައީ ހަތިޔާރު އުފެއްދުމުގެ ސިއްރު މަޝްރޫޢެއް ހިންގަމުންނެވެ.
މި ކުރިމަތިލުން އުފެދިފައިވަނީ ޞަޔްހޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ޣައިރުޤާނޫނީ ހަނގުރާމައެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުވުމުގެ ނަމުގައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ދުވަހަކުވެސް ނިއުކްލިޔަރ ހަތިޔާރުގެ ޤާބިލުކަން ލިބުނަ ނުދެއްވާނެ ކަމުގައި ވިދާޅުވެ، ހަރުކަށި އިންޒާރުތަކެއް ދެއްވާފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލެވިޓް ވިދާޅުވީ، މި މައްސަލައިގައި އެމެރިކާގެ ރަތް ރޮނގުތައް އީރާނަށް ވަރަށް ސާފުކޮށް އަންގާފައިވާނެ ކަމުގައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަށާފައިވާ ސުލްޙައިގެ މަޝްވަރާތަކަށް ތެހްރާނުން އައު ހުށަހެޅުންތަކެއް ހުށަހަޅާފައިވީ ނަމަވެސް، ވޮޝިންގްޓަނުން ވަނީ އެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމުގައި ބުނެފައެވެ.