ޚަބަރު

އީރާނުގެ ބަނދަރުތައް ދިގުމުއްދަތަކަށް ޙިޞާރުކުރަން ވިސްނަވަނީ


އީރާނުގެ ބަނދަރުތައް ދިގު މުއްދަތަކަށް ޙިޞާރުކުރުމުން ތެލުގެ ބާޒާރަށް ކުރާނެ އަސަރުތައް ކުޑަކުރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތެޔޮ ކުންފުނިތަކުގެ އިސްވެރިންނާ މަޝްވަރާ ކުރައްވައިފިއެވެ. ހުރްމުޒް ކަނޑުއޮޅި ހުޅުވުމަށް ބާރުއެޅުމުގެ ގޮތުން އީރާނުން ތެޔޮ ބޭރުކުރުން ހުއްޓުވުމަށް ތަންފީޒުކުރަމުންދާ ޙިޞާރު ދިގުދަންމައިލައްވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވުމާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ އަނެއްކާވެސް %6 އިން އުފުލިފައެވެ. ފެބުރުވަރީ 28 ގައި ޞަހްޔޫނީން ރުއްސުމަށް އީރާނާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާއިން މިހާތަނަށް 25 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާކަން ދިފާޢީ އިދާރާ، ޕެންޓެގަނުން ވަނީ ހާމަކޮށްފައެވެ.

އީރާނުގެ ދާޚިލީ ޙާލަތަށް ބަލައިލާއިރު، އެޕްރީލު މަހުގެ ނިޔަލަށް އެ ޤައުމުގައި މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ %65.8 އަށް އުފުލިފައެވެ. އެމެރިކާގެ ފިޔަވަޅުތަކަކީ އީރާނު ބައިބައިކޮށްލުމަށް ރާވާފައިވާ ޖަރީމާއެއްގެ ގޮތުގައި ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ސިފަކުރެއްވިއިރު، ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމުގެ ތުހުމަތުގައި ތެހްރާންގެ ސަރުކާރުން ވަނީ 4،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އީރާނުން މިހާރުވެސް %60 އަށް މުއްސަނދިކޮށްފައިވާ 440 ކިލޯގެ ޔުރޭނިއަމް ރައްކާކޮށްފައި ހުރުމަކީ މި ވަގުތު ދެ ޤައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު އެއް ޚިޔާލުތަފާތުވުމެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު އީރާނަށް ނުދެއްވާނެ ކަމުގައި ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މި މައްސަލަ ޙައްލުކުރުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، އީރާނުން ބޭނުންވަނީ ނިއުކްލިޔަރ މައްސަލައިގެ ކުރިން ހަނގުރާމަ މުޅިން ހުއްޓައިލުމަށް ވޮޝިންގްޓަނުން އެއްބަސްވުމަށެވެ. ނަމަވެސް، ޓްރަމްޕްގެ ޝަރުޠަކީ ނިއުކްލިޔަރ މައްސަލައަށް ފުރަތަމަ ޙައްލެއް ހޯދުމެވެ. މި ދަނޑިވަޅުގައި، އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑުން ވަނީ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިތުރަށް ފުޅާކުރެވޭނެ ގޮތްތަކުގެ ރޭވުމެއް ޓްރަމްޕަށް ހުށަހަޅާފައެވެ. އީރާނުން ވަނީ ޙިޞާރު ދިގުދެމިގެންދާނަމަ ވަރުގަދަ އަސްކަރީ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައެވެ.

ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 'މެރިޓައިމް ފްރީޑަމް ކޮންސްޓްރަކްޓް' ގެ ނަމުގައި އައު އިއްތިޙާދެއް އެކުލަވައިލައި، އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް އެމެރިކާއިން ދަނީ ބައިނަލްއަޤުވާމީ އެހީތެރިކަމަށް އެދެމުންނެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން މި ކަމަށް ތާއީދުކުރި ނަމަވެސް، ހަނގުރާމަ ހުއްޓައިލުމުގެ ކުރިން އެ ފަދަ އޮޕަރޭޝަނެއްގައި ބައިވެރިވުމަށް އެ ދެ ޤައުމުން ދަނީ އިންކާރު ކުރަމުންނެވެ. އެމެރިކާގެ ދާޚިލީ މަސްރަޙުގައި ތެލުގެ އަގުބޮޑުވުމުގެ ސަބަބުން ޓްރަމްޕަށް ސިޔާސީ ފިއްތުންތައް ކުރިމަތިވަމުންދާއިރު، އެންމެ ފަހުގެ ސާވޭތަކުން ދައްކާގޮތުގައި އޭނާގެ މަޤުބޫލުކަން ވަނީ މި ދައުރުގެ އެންމެ ދަށް މިންވަރަށް ވެއްޓިފައެވެ.