ޚަބަރު

ރާއްޖެ ޖޫނިއަރސް: ގުޅީ ސްކޫލުގެ މައްޗަށް ކަލާފާނުން ބޮޑު މޮޅެއް


  • ކަލާފާނުން މެޗު ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުން

  • މިއާއެކު ގްރޫޕް 1 ލީޑުކުރަނީ ކަލާފާނު

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި، ގުޅީ ސްކޫލުގެ މައްޗަށް ކަލާފާނު ސްކޫލުން ބޮޑު މޮޅެއް ހޯދައިފިއެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުޅުނު މި މެޗުން ކަލާފާނު މޮޅުވެފައި ވަނީ 0-5 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ 10 މިނެޓުތެރޭ ކަލާފާނުން ވަނީ 2 ގޯލުގެ ލީޑެއް ނަގާފައެވެ. އެއާއެކު، އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަވެ، ގުޅީ ސްކޫލުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް، ކަލާފާނުން ފޮނުވާލާފައިވެއެވެ. ކަލާފާނުގެ 3 ވަނަ ގޯލު، އެޓީމުން ކާމިޔާބުކޮށްފައިވަނީ، ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށެވެ.

ދެވަނަ ހާފު ފެށިގެންވެސް ފެނިގެންދިޔައީ، ކަލާފާނު ޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރީތި ކުޅުމެއް ކުޅެމުންދިޔަ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ގިނަ އިރުތަކެއް ނުވެ، ގުޅީ ސްކޫލުގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. ކަލާފާނުގެ ހަމަލާތަކުން ގުޅީ ސްކޫލް ކުޅުންތެރިން ޕްރެޝަރަށް ވެއްޓި، ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކަލާފާނު ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ކަލާފާނަށް ޕެނަލްޓީއެއް ދެއްވާފައެވެ. މި ޕެނަލްޓީގެ ފައިދާ ނަގާ، ކަލާފާނުން ވަނީ އެ ޓީމުގެ 4 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

ކަލާފާނުން ކޮންޓްރޯލް ކުރަމުންދިޔަ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފަހު ގޯލު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ 25 ވަނަ މިނެޓުގައެވެ.

މި ނަތީޖާއާއެކު، ކަލާފާނު ވަނީ ގްރޫޕް 1 ގެ އެއްވަނަ ހޯދާފައެވެ. ދެ މެޗުން އެޓީމަށް ލިބުނު 4 ޕޮއިންޓާއި ފައިދާ ހަތަރު ގޯލާއެކު ކަލާފާނު އެއްވަނައިގައި އޮތް އިރު، ދެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ގުޅީ ސްކޫލެވެ. ނަމަވެސް މި މެޗުގެ ނަތީޖާ ނުކުތް ގޮތުން، ގުޅީ ޓީމަށް 4 ގޯލުގެ ގެއްލުމެއް ލިބިފައި ވެއެވެ.

ކުޅުނު ހަމައެކަނި މެޗު އެއްވަރުވެގެން އަޙްމަދިއްޔާ، ގްރޫޕުގެ ތިންވަނައިގައި އޮތް އިރު، ފުލުގައި އޮތް ޢިމާދުއްދީން މިހާތަނަށް ކުޅުނު ހަމައެކަނި މެޗުން ވަނީ ބަލިވެފައެވެ.