މިއަހަރުގެ 2ވަނަ ކުއާޓަރުގައި 1.62 މިލިޔަން ފަސިންޖަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތް ހޯދާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެތެރޭގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޚިދުމަތް ހޯދާފައިވާ ފަސިންޖަރުންވެސް ހިމެނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ 2ވަނަ ކުއާޓަރުގެ ތެރޭގައި ބައިނަލްއަޤްވާމީ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކޮށްފައިވަނީ 1.04 މިލިޔަން ފަސިންޖަރުންނެވެ. އަދި އެތެރޭގެ އުދުހުންތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭނުން ކޮށްފައިވަނީ، 242،104 ފަސިންޖަރުންނެވެ. މި މުއްދަތުގެ ތެރޭގައި ސީޕްލޭންގެ ޚިދުމަތް ހޯދާފައިވަނީ، 341،792 ފަސިންޖަރުންނެވެ.
އެއަރލައިންތަކުން ވީއައިއޭއަށް އެންމެ ގިނައިން ފަސިންޖަރުން އައިސްފައިވަނީ، އޭޕްރީލް މަހުގެ 5ވަނަ ދުވަހުއެވެ. އެ ދުވަހު 18،924 ފަސިންޖަރުން އައިސްފައިވެއެވެ. ސީޕްލޭން މެދުވެރިކޮށް އެންމެ ގިނައިން ފަސިންޖަރުން އައިސްފައިވަނީ، އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު 5،707 ފަސިންޖަރުން ވަނީ އައިސްފައެވެ.
Velana in Numbers
— Velana Airport (@VelanaAirport) August 19, 2026
Passenger
Q2 - 2026 pic.twitter.com/ogRuexMLEf
2ވަނަ ކުއާޓަރގެ އެއަރ ޓްރެފިކް މޫވްމަންޓްސްއަށް ބަލާއިރު، ބައިނަލްއަޤްވާމީ އެއަރ ޓްރެފިކް މޫވްމަންޓް އުޅެނީ 6،714 ގައެވެ. ޑޮމެސްޓިކް އެއަރ ޓްރެފިކް މޫވްމަންޓްސް އުޅެނީ، 5،957 ގައެވެ. އަދި ސީޕްލޭން އެއަރ ޓްރެފިކް މޫވްމަންޓްސްއަކީ، 36،295 ކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ މައިދޮރޯށި ވީއައިއޭއަކީ، އެންމެ ގިނައިން ފަސިންޖަރުން ޚިދުމަތް ހޯދާ އެއަރޕޯޓެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މީގެތެރެއިން %97.7 ފަތުރުވެރިން އައިސްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ.