ކުޅިވަރު

މެކްސިކޯ ޓީމު ވޯލްޑް ކަޕަށް ފަރިތަކުރަން ފަށައިފި


މެކްސިކޯގެ ފުޓްބޯޅަ ޓީމު ކުރިއަށް އޮތް ވޯލްޑް ކަޕަށް ތައްޔާރުވުންތައް ފަށައިފި އެވެ.

މި ގޮތުން އެ ގައުމުގެ ކޯޗު ހާވިއާ އަގުއިރޭ މިހާރު ވަނީ 20 ކުޅުންތެރިންގެ ސްކޮޑަކާއެކު ފަރިތަކުރުންތައް ފަށައިފަ އެވެ. މީގެ ތެރޭގައި މުޅިން ވެސް ހިމެނެނީ މެކްސިކޯގައި ކުޅޭ ކުޅުންތެރިންނެވެ. އަދި މި 20 ކުޅުންތެރިންގެ ތެރެއިން 12 ކުޅުންތެރިންނަކީ ޖޫން 11 ވަނަ ދުވަހު ވޯލްޑް ކަޕް ހުޅުވަން ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭނެ ކުޅުންތެރިންނެވެ. ފަރިތަކުރުންތަކުގައި މިވަގުތު ބައިވެރިވާން ނަގާފައިވާ އަނެއް 8 ކުޅުންތެރިންނަކީ ވޯލްޑް ކަޕަށް ނަގާ ޓީމުގެ ކުޅުންތެރިއަކަށް ކަމެއް ދިމާވެއްޖެނަމަ އިމަޖެންސީ ހާލަތުގައި ތިބޭނެ ބެކަޕް ޓީމެކެވެ.

މެކްސިކޯއިން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ވޯލްޑް ކަޕް ޓީމުގައި ހިމެނޭ ކުޅުންތެރިން ޓީމާ ގުޅޭނީ ޔޫރަޕުގެ ފުޓްބޯޅަ ލީގުތައް ނިމުމުންނެވެ.

ކޯޗު އަގުއިރޭ ބުނީ މިހާ އަވަހަށް ޕްރެކްޓިސް ފެށުމުގެ ބޭނުމަކީ ޓީމުގެ ކުޅުންތެރިން އޭނާ ބޭނުންވާ ގޮތަށް ހާނުވައި ގޭމް ޕްލޭނަށް ތައްޔާރު ކުރުން ކަމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.