ކުޅިވަރު

މެކްސިކޯ ކީޕަރު ވޯލްޑް ކަޕަށް ފަހު ކުޅުން ހުއްޓާލަނީ


މެކްސިކޯގެ ތަޖުރިބާކާރު ގޯލްކީޕަރު ގުއިލާމޯ އޮޗޯއާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ކުޅުން ހުއްޓާލާނެ ކަމަށް ބުނެފި އެވެ.

ނަމަވެސް މެކްސިކޯ އާއި އެމެރިކާ އާއި ކެނެޑާގައި ޖޫން 11 ވަނަ ދުވަހު ފަށާ ވޯލްޑްނ ކަޕް ކުޅޭ ޓީމަށް އޭނާ ނަގާނެކަން އަދި މުޅިން ޔަގީނެއް ނޫނެވެ.

އުމުރުން 41 އަހަރުގެ އޮޗޯއާ އަކީ އެންމެ ފަހުގެ ފަސް ވޯލްޑް ކަޕުގައި ވެސް ކުޅުނު ކީޕަރެކެވެ. އަދި އެންމެ ފަހުގެ ތިން މުބާރާތުގައި މެކްސިކޯގެ އެއްވަނަ ކީޕަރަކީ ވެސް އޭނާ އެވެ.

އޮޗޯއާ މިހާރު ކުޅެމުން އަންނަނީ ސައިޕްރަސް ލީގުގަ އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރި ކީޕަރު ޓީމަށް ނުނަގައި ކޯޗު ހާވިއާ އަގުއިރޭ ބުނީ ޓީމުގައި ކުޅޭނެ ދެ ކީޕަރުން ޔަގީން ވެއްޖެ ކަމަށާއި ތިން ވަނަ ކީޕަރަކީ މެކްސިކޯއިން ބޭރުގައި ކުޅޭ ކީޕަރެއް ކަމަށެވެ. އޮޗޯއާގެ ނަން ނުބުނި ނަމަވެސް ގިނަ ބަޔަކު ބުރަވަނީ މިއީ އޮޗޯއާއަށް ފުރުސަތު ދިނުމުގެ ގޮތުން ކޯޗު ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

އޮޗޯއާ ވޯލްޑް ކަޕް ކުލެފިނަމަ އެނާ ވެގެންދާނީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަދައިން ހަ ވޯލްޑް ކަޕުގައި ކުޅޭ ކުޅުންތެރިންގެ ލިސްޓުގަ އެވެ.

މުބާރާތަށް މެކްސިކޯ ޓީމު މިހާރު ވަނީ ފަރިތަކުރަން ފަށައިފަ އެވެ. ނަމަވެސް އެއީ މެކްސިކޯގައި ކުޅޭ ކުޅުންތެރިންނާއެކުގަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕުން ފީފާއިން އަންދާޒާ ކުރަނީ 13 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ ކަމަށެވެ.