ޚަބަރު

ފިންލެންޑް ކުޅުނު ދެ މެޗުން ބައިކޮޅަށް 17 ލަނޑު


  • މި މެޗުން ފިންލެންޑް ބަލިވީ 0-10 އަކުން

  • ފިންލެންޑް ކުޅުނު ދެ މެޗުން ބައިކޮޅަށް 17 ގޯލު ވަދެފައިވޭ

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލް ކުޅުނު ދެވަނަ މެޗުންވެސް ތަފާތުބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި މިއަދު އދ. އަތޮޅު ތައުލީމީ މަރުކަޒާ ދެކޮޅަށް ކުޅުނު މެޗުން ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލް ބަލިވެފައި ވަނީ 0-10 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ 5 ވަރަކަށް މިނެޓު، ފިންލެންޑުގެ ފުރަތަމަ މެޗާ އަޅާބަލާއިރު ރަނގަޅު ކުޅުމެއް ކުޅެން މަސައްކަތްކުރި މަންޒަރު ފެނިގެންދިޔައެވެ. ނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި އދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން، މެޗުގެ 12 ވަނަ މިނެޓުގައި ފިންލެންޑުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

އޭގެ 8 މިނެޓު ފަހުން، މެޗުގެ 20 ވަނަ މިނެޓުގައި އެޓީމުން ވަނީ 2 ވަނަ ގޯލެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައެވެ.

އދ. އަތޮޅު ތައުލީމީ މަރުކަޒުގެ 3 ވަނަ ގޯލު ފެނިގެންގޮސްފައި ވަނީ އޭގެ 3 މިނެޓު ފަހުންނެވެ. އދ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބުކުރި 4 ވަނަ ގޯލުވެސް ކާމިޔާބުކޮށްފައި ވަނީ ކޯނަރަކުންނެވެ. އެއީ، މެޗުގެ 29 ވަނަ މިނެޓުގައެވެ.

އދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ، ފުރަތަމަ ހާފުގެ 30 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އެޓީމުގެ 5 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އެޓީމުން މި ގޯލު ކާމިޔާބުކޮށްފައި ވަނީ ދެވަނަ ގޯލާ ދާދި އެއްގޮތަކަށެވެ. މިއާއެކު، ފުރަތަމަ ހާފު ނިމިގެންދިޔައީ 0-5 ގެ ނަތީޖާއިން އދ. އަތޮޅު ތައުލީމީ މަރުކަޒު ކުރީގައި އޮވެގެންނެވެ.

އދ. އަތޮޅު ތައުލީމީ މަރުކަޒުން ދެވަނަ ހާފު ފެށީ ކައިރިކައިރީގައި ކާމިޔާބުކުރި 2 ގޯލާއެކުއެވެ. ފުރަތަމަ ގޯލު 31 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، 2 ވަނަ ގޯލު ފެނިގެންދިޔައީ އޭގެ އެންމެ މިނެޓެއް ފަހުންނެވެ. އދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ދެވަނަ ހާފުގައި އިތުރު 3 ގޯލު ކާމިޔާބުކޮށްފައެވެ. އެއީ، 41 ވަނަ މިނެޓު، 45 ވަނަ މިނެޓު، 57 ވަނަ މިނެޓުގައެވެ.

މި ނަތީޖާއާއެކު ފިންލެންޑް ވެގެން ގޮސްފައި މިވަނީ، މި މުބާރާތުގައި ބައިކޮޅަށް އެންމެ ގިނަ ގޯލު ވަތް ޓީމަށެވެ. މުބާރާތުގައި ފިންލެންޑް ކުޅުނު ދެ މެޗުގައި އެ ޓީމު ކޮޅަށް 17 ގޯލު ވަދެފައި ވެއެވެ.