އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
މި އެވޯޑަކީ ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ނިންމާފައިވާ އެވޯޑެކެވެ.
ބިނާރާ އުމްރާނީ ތަަރައްޤީއާއި ބެހޭ ވުޒާރާއިން މި އެވޯޑަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަފުތާއަކުން އިތުރުކޮށް، މިމަހުގެ 27 ވަނަ ދުވަހުގެ 14:00 އާ ހަމައަށް، ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި އެވޯޑަށް ކުރިމަތިލާން އެދި ހުށަހެޅުމަށް ބިނާރާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިޤުރާރު ލިންކް https://awards.infrastructure.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އިންޖިނޭރުންގެ އެވޯޑުގެ މަޤުޞަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމެވެ. އަދި ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މި އަހަރުގެ އިންޖިނޭރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް ނިންމައި، މިކަމުގެ އުސޫލުވަނީ އާންމުކޮށްފައެވެ.
* އިންޖިނިއަރ އޮފް ދަ އިޔަރ
* ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
* ޔަންގް އިންޖިނިއަރ އެވޯޑު
* ވިމެން އިން އިންޖިނިއަރިންގ އެވޯޑު
* އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު
* ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
* އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ
* ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
* ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
* ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު
* ސަރުކާރު އިދާރާތައް / މުއައްސަސާތައް
* ސަރުކާރު ހިއްސާވާ ކުންފުނިތައް
* އިންޖިނިއަރިންގ މަސައްކަތްކުރާ ކުންފުނިތައް / ފާމްތައް
* ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުން
* މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތައް
* ތަޢުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތައް
މި އެވޯޑުގެ ކެޓަގަރީތަކަށް ރާއްޖޭގައި އިންޖިނިއަރިންގ ދާއިރާއަށް ޚިދުމަތްކުރާ ވަކިވަކި ފަރުދުންނާއި، ޓީމުތަކާއި، ޖަމްޢިއްޔާތަކާއި، މުއައްސަސާތަކަށްވެސް ހުށައެޅޭނެއެވެ. އަދި ޒުވާން އިންޖިނިއަރުންގެ އެވޯޑަށް އެދި ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށެވެ.
މި އެވޯޑަށް ކުރިމަތިލާ އިންޖިނިއަރުންގެ ހުށައެޅުންތައް އިވަލުއޭޓްކުރާނީ އެކަމަށް ކަނޑައަޅާ 7 މެންބަރުންގެ ކޮމިޓީއަކުންނެވެ.
އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، މި އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.