ކޭކު އެޅުމަކީ ހަމައެކަނި ފޮނި އެއްޗެއް ތައްޔާރުކުރުމެއް ނޫނެވެ. އެއީ ފަންނުވެރިކަމާއި، ފުރިހަމަ ކުރެހުންތަކެއްގެ މައްޗަށް ބިނާވެފައިވާ ފަންނެކެވެ. ރާއްޖޭގައި މި ފަންނުގައި ފާހަގަކޮށްލެވޭ އެއް ނަމަކީ ޖަނަވަރީމާގެ އަބްދު ރަޝީދު ޢަބްދުﷲ ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުންނަމަ "ޝެފް އަންކަލް" އެވެ.
ކޭކު އެޅުމުގެ ދާއިރާއަށް ޝެފް އަންކަލްގެ ހިތް ޖެހުނީ ވަރަށް ކުޑައިރެވެ. ގޭތެރޭގައި ދައްތަމެންނާއެކު މި މަސައްކަތުގައި އުޅެމުން ދިޔަ ދުވަސްވަރު އުފެދުނު ޝައުގުވެރިކަން، މިއަދު މިވަނީ 40 އަހަރަށް ވުރެ ދިގު މާޒީއަކަށް ދެމިގެން ގޮސްފައެވެ.
ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ޝެފް އަންކަލް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ރަން އަކުރުން ފަވާލަދީފައެވެ. އެގޮތުން ބައިނަލްއަޤްވާމީ އެކި މުބާރާތްތަކުން އޭނާ ވަނީ 9 ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން 3 ރިހި މެޑަލާއި، 1 ލޯ މެޑަލްގެ އިތުރުން، މި ދާއިރާއިން ކުރި އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ވަނީ އޭނާއަށް ޤައުމީ އިނާމުވެސް އަރުވާފައެވެ.
"މިއީ އަޅުގަނޑަށްވެސް އަދި ރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މި ދަތުރުގައި އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބުނު އެހީތެރިކަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" އޭނާގެ ކާމިޔާބީގެ ސިއްރުތައް ހިއްސާކުރަމުން ބުންޏެވެ.
މަސައްކަތް ފަށައިގަތް ދުވަސްވަރު ރާއްޖޭގައި ކޭކު އެޅުމަށް ބޭނުންވާ ސާމާނު ހޯދުމަކީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް މިއަދު އެ ހާލަތު ބަދަލުވެ، ބޭނުންވާ ހުރިހާ އެއްޗެއް ރާއްޖެއިން ފަސޭހައިން ލިބެން ހުރުމަކީ މި މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ދެކެއެވެ.
މީގެ ކުރިން "ނައިސީ ނައިސް" އަދި "ޔުނިކް ކޭކް" ފަދަ ނަންނަމުގައި ވިޔަފާރި ކުރި ނަމަވެސް، މިހާރު އޭނާ ތައްޔާރުވަމުންދަނީ "އަންކަލްސް"ގެ ނަމުގައި އައު ތަނެއް ހުޅުވުމަށެވެ. މި ތަނަކީ ހަމައެކަނި ކޭކު ލިބޭ ތަނެއްގެ އިތުރުން، ތަފާތު އެކި ބާވަތްތަކުގެ ކާތަކެތި ލިބޭނެކަން އޭނާ ފާހަގަކުރިއެވެ. މިވަގުތު އަމިއްލަ ފިހާރައެއް ނެތް ނަމަވެސް، ޝެފް އަންކަލް ދަނީ ގޭގައި ހުރެގެން ތަފާތު ހަފްލާތަކަށް ނަލަ އަދި ރަހަ މީރު ކޭކުތައް ތައްޔާރުކޮށްދެމުންނެވެ.
ކޭކު އެޅުމުގެ އިތުރުން، ޝެފް އަންކަލްއަކީ މި ދާއިރާއިން މީހުން ބިނާކުރުމުގައިވެސް ނަމޫނާ އެކެވެ. އޭނާ ވަނީ "ކަލިނަރީ ޑެކަރޭޝަން ސްކޫލް" އެއް ރަޖިސްޓްރީކޮށްގެން ގިނަ އަދަދެއްގެ ދަރިވަރުންނަށް ކޭކު ފަރުމާކުރަން ދަސްކޮށްދީފައެވެ. އަދި އަތޮޅު ފެންވަރުގައާއި ޤައުމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ޖަޖުކަންވެސް އޭނާ ވަނީ ކޮށްފައެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި އޭނާގެ ހުނަރުވެރިކަން ފާހަގަކުރެވިފައިވާ މިންވަރު ހާމަވަނީ، އިނގިރޭސިވިލާތުގެ މަޝްހޫރު "ސްކުއާ ކިޗަން" މެގަޒިންއިން ނެރޭ ކެޓަލޮގްތަކުގައި އޭނާގެ ކޭކުތަކުގެ ފަރުމާތައް ނަމޫނާގެ ގޮތުގައި ހިމެނިފައިވުމުންނެވެ. "އެއީ ވަރަށް ބޮޑު ތަޖުރިބާއެއް. އެކި މުބާރާތްތަކުގެ ސަބަބުން ކަންކަން ދަސްވެ، އަމިއްލަ ނަފްސު ކުރިއަރުވަން ފުރުސަތު ލިބުނު،" އޭނާ ފާހަގަކުރިއެވެ.
ޝެފް އަންކަލްގެ ދިގު ޚިދުމަތުގެ ދަތުރުގައި އެންމެ ފަހުން ލިބުނު އެއް އުފަލަކީ ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ކޭކު ތައްޔާރުކޮށްދިނުމުގެ ފުރުސަތު ލިބުމެވެ. މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.
40 އަހަރުގެ މުއްސަނދި ތަޖުރިބާއާއެކު، ޝެފް އަންކަލް މިއަދުވެސް ހުރީ އިތުރު ހިތްވަރަކާއެކު މިދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމުގައެވެ. އޭނާގެ އަތްތެރިކަމުން އުފެދޭ ކޮންމެ ކޭކަކީ އޭނާގެ ހަޔާތުގެ ބައެކެވެ.