އެމެރިކާގެ ބަނގުރޫޓޫވެފައިވާ ބަޖެޓު އެއާލައިންއެއް ކަމަށްވާ ސްޕިރިޓް އެއާލައިންސްގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލައިފިއެވެ. މި އެއާލައިންއަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާ ނުލިބި، އޮޕަރޭޝަންތައް ހުއްޓައިލަން ޖެހުނު ފުރަތަމަ އެއާލައިންއެވެ.
ސްޕިރިޓަކީ އެމެރިކާގެ އެންމެ ބޮޑު އެއް ބަޖެޓު އެއާލައިންއެވެ. އެ އެއާލައިންއަކީ އަގުހެޔޮކޮށް ޓިކެޓު ވިއްކައި، އެހެން ޚިދުމަތްތަކުން އިތުރު އާމްދަނީ ހޯދާ އެއާލައިންއެކެވެ. އެ ގޮތުން ބެގޭޖުންނާއި ވަކިވަކި ސީޓު ވިއްކައިގެން އެ އެއާލައިންއިން ވިޔަފާރިކުރެއެވެ. އެ އެއާލައިން އެންމެ ވަރުގަދަކޮށް އޮތް ދުވަސްވަރު، އެމެރިކާގެ އެތެރޭގެ އުދުހުންތަކުގެ ފަސް އިންސައްތަ ޙިއްޞާ ކުރަމުން ދިޔައީ އެ އެއާލައިނުންނެވެ. އެ އެއާލައިންގެ ސަބަބުން ގިނަ ރޫޓުތަކެއްގެ ޓިކެޓު އަގުތައް ދަށްކޮށް ބެހެއްޓުމަށް އެހީތެރިވެދިނެވެ.
ޚިދުމަތް ދިނުމަށް ނުކުޅެދޭ މިންަވަރަށް ސްޕިރިޓް އެއާލައިންސްގެ ޙާލަތު ގޯސްވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޖެޓް ފިއުލްގެ އަގު އެތައް ގުނަޔަކަށް އުފުލުމާ ގުޅިގެންނެވެ. ތެލުގެ އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް އެއާލައިންތައް ހިންގުމުގެ ޚަރަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ތެލުގެ އަގު ބޮޑުވުމުގެ ކުރިން ވެސް ސްޕިރިޓަށް ވަނީ މާލީ ދަތިތަކެއް ކުރިމަތިވެފައެވެ. ނަމަވެސް ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން އެ އެއާލައިންގެ މާލީ ޙާލަތު އިޢާަދަ ނުކުރެވޭ މިންވަރަށް ގޯސްވިއެވެ. މެއި މަހުގެ 1ވަނަ ދުވަހާއި 15ވަނަ ދުވަހާ ދެމެދު ސްޕިރިޓުގެ 4،119 އެތެރޭގެ ފްލައިޓުތައް ބޭއްވުމަށް ކުރިން އޮތީ ހަމަޖެހިފައެވެ. އެ ފްލައިޓުތަކުގައި ޖުމްލަ 809،638 ސީޓު ހުއްޓެވެ. ސްޕިރިޓުން މިހާރު ވަނީ އެ އެއާލައިންގެ ހުރިހާ ފްލައިޓުތައް ކެންސަލްކޮށް، ފަސިންޖަރުން ވައިގެ ބަނދަރުތަކަށް ނުދިޔުމަށް އަންގައިފައެވެ.
ސްޕިރިޓު އެއާލައިން ހިންގުން ހުއްޓައިލުމުން ވާދަވެރި އެއާލައިންތަކަށް އޭގެ ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ. ބައެއް އެއާލައިންތަކުން މިހާރު ވެސް ވަނީ އަގުހެޔޮ ޓިކެޓުތައް ވިއްކަން ފަށައި، ސްޕިރިޓުގެ ފަސިންޖަރުން ހޯދުމަށް މަސައްކަތް ފަށައިފައެވެ.