އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ޓީމުތަކުގެ ފައިނަލް ޓީމު ލިސްޓު ހުށައަޅަން ޖެހޭނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ވޯލްޑްކަޕްގައި މި ފަހަރު ޖުމްލަ 48 ޓީމު ވާދަކުރާއިރު މެއި މަހުގެ 11 ގެ ކުރިން 35 އާއި 55 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޕްރޮވިޝަނަލް ސްކޮޑެއް ކޮންމެ ޓީމަކުންވެސް ފީފާ އަށް ހުށައަޅަން ޖެހޭނެ އެވެ.
ނަމަވެސް އޭގެ ތެރެއިން މުބާރާތުގެ ފައިނަލް ސްކޮޑުގައި ހިމެނޭނީ 26 ކުޅުންތެރިންގެ ތެރޭގައި ތިން ގޯލުކީޕަރުން ހިމަނަން ޖެހޭނެ އެވެ. ފީފާގެ ގަވާއިދުތައް ބުނާ ގޮތުން ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިއަކަށް އެ ޓީމުގެ މެޗެއް ކުޅުމުގެ ކުރިން އަނިޔާއެއް ވެއްޖެނަމަ އެ ކުޅުންތެރިއަކު ބަދަލުކުރުމުގެ ފުރުސަތު އެ ޓީމަކަށް ލިބިގެންދާނެ އެވެ. ނަމަވެސް އެފަދަ ބަދަލެއް ގެނެވޭނީ އެ ޓީމެއް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގެ 24 ގަޑިއިރު ކުރިންނެވެ.
އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ވޯލްޑްކަޕްގައި ޖުމްލަ 104 މެޗު ކުޅޭނެ އެވެ. މިއީ ވޯލްޑްކަޕެއްގައި މިހާގިނަ މެޗު ކުޅޭ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ 78 މެޗު އެމެރިކާގައި ކުޅޭއިރު ކެނެޑާ އާއި މެކްސިކޯގައި ގްރޫޕް ސްޓޭޖުގެ 13 މެޗު ކޮންމެ ގައުމެއްގައި ވެސް ކުޅޭނެ އެވެ.
ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ 82,500 މީހުންގެ ޖާގައިގެ މެޓްލައިފް ސްޓޭޑިއަމްގަ އެވެ.