ހުރްމުޒް ކަނޑުއޮޅި ކައިރިން ގިނަ ޢަދަދެއްގެ ކުދި ބޯޓުތަކަކުން ބަލްކް ކެރިއަރަކަށް ޙަމަލާ ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ ކަނޑުމަގުން ކުރާ ވިޔަފާރި ބަލަހައްޓާ އިދާރާ، ޔޫކޭއެމްޓީއޯއިން ބުނެފިއެވެ.
ޔޫކޭއެމްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ އީރާނުން އެ ބަލްކު ކެރިއަރަށް ޙަމަލާ ދީފައި ވަނީ އީރާނުގެ ސިރިކްއާ 20 ކިލޯމީޓަރު ބޭރުން ކަމަށެވެ. ބަލްކު ކެރިއަރުގައި ތިބި ފަޅުވެރިންގެ ޙާލު ރަނގަޅު ކަމަށް ޚަބަރު ލިބޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ތިމާވެއްޓާ ގުޅުންހުރި ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުން އީރާނުން ވަނީ ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅައިފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ އިޤްތިޞާދަށް ވަނީ ލޮޅުން އަރައިފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވާލައި އެ އެއްބަސްވުމަށް މިހާރު ޢަމަލުކުރަމުން ދިޔަ ނަމަވެސް އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތަކުން އެ ޤައުމުގެ ބޯޓުތައް ލަފާުފުރުމަށް ހުރަސްއަޅަމުންނެވެ. އެމެރިކާގެ ސެންޓްކޮމުން ބުނީ މިހާތަނަށް އީރާނުގެ 49 އުޅަނދެއް އެ ޤައުމުގެ ބަނދަރުތަކަށް ގާތް ކުރުމަށް ނުވަތަ އެ ބަނދަރުތަކުން ފުރުމަށް އެމެރިކާއިން ހުރަސް އަޅާފައިވާ ކަމަށެވެ.
އޭޕްރިލް މަހުގެ ފަހުކޮޅު ވެސް ހުރްމުޒް ކަނޑުއޮޅިން ދެ އުޅަނދަކަށް ޙަމަލާ ދީފައިވެއެވެ. އެ ގޮތުން އޭޕްރިލް މަހުގެ 22ވަނަ ދުވަހު ދެ ކޮންޓެއިނަރު ބޯޓަށް ޙަމަލާދީ، އެއް ބޯޓު އަތުލައިގެންފައިވެއެވެ.