އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްދާ ރީޖަންސް ލީގުގެ ނޯތު ލީގު އަދި ސެންޓްރަލް ލީގުގައި އިއްޔެ ފޯރިގަދަ މެޗުތަކެއް ކުޅެފިއެވެ. ނޯތު ލީގުގައި، 2-1 ގެ ނަތީޖާއިން ބ. އޭދަފުށީގެ މައްޗަށް ހއ. ދިއްދޫ ކުރިހޯދިއިރު، ސެންޓްރަލް ލީގުގައި ދ. މީދޫ އިން މަހިބަދޫގެ މައްޗަށް ކުރިހޯދީ 3-2 ކުންނެވެ.
ނޯތު ލީގު މެޗަށް ބަލާއިރު، ފުރަތަމަ ފަހަރަށްވެސް މެޗުގެ ލީޑު ނަގާފައި ވަނީ ދިއްދޫއިންނެވެ. އެޓީމުން މި ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 8 ވަނަ މިނެޓުގައެވެ. ދިއްދޫގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ ދެވަނަ ހާފުގައި ނަމަވެސް، އެހާ ހަމައަށްވެސް އެޓިމުން ވަނީ އޭދަފުށީގެ ގޯލަށް ނުރައްކާކޮށް، ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދިއްދޫގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ، މެޗުގެ 51 ވަނަ މިނެޓުގައި އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް، ބޮލުން ގޯލުތެރެއަށް ފޮނުވާލައިގެންނެވެ.
އޭދަފުށީގެ ހަމައެކަނި ގޯލު ފެނިގެންގޮސްފައި ވަނީ، ލިބުނު ހިލޭޖެހުމަކުން، މެޗުގެ 70 ވަނަ މިނެޓުގައެވެ.
ސެންޓްރަލް ލީގަށް ބަލާއިރު، މަހިބަދޫއިން މެޗުގެ ލީޑު ނަގާފައިވަނީ، މީދޫ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން، މެޗުގެ 33 ވަނަ މިނެޓުގައެވެ. ނަމަވެސް، މީދުއިން ވަނީ ގިނައިރުތަކެއް ނުވެ، 37 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. އަދި އެޓީމުން ވަނީ 44 ވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް ލީޑުވެސް ނަގާފައެވެ.
މިއާއެކު، ފުރަތަމަ ހާފު ނިމުނީ 2-1 އިން މީދޫ ކުރީގައި އޮވެގެންނެވެ.
މީދޫއިން ވަނީ ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ، މެޗުގެ 52 ވަނަ މިނެޓުގައި އެޓީމުގެ 3 ވަނަ ގޯލުވެސް ޖަހާފައެވެ. މަހިބަދޫގެ 2 ވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 65 ވަނަ މިނެޓުގައެވެ.
މި ދެ ލީގުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މާދަމާއެވެ. ނޯތު ލީގުގައި ބައްދަލުކުރާނީ ހއ. ދިއްދޫ އަދި ހދ. ހަނިމާދޫއެވެ. ސެންޓްރަލް ލީގުގައި ބައްދަލުކުރާނީ އދ. މަހިބަދޫ އަދި ކ. ހުރާއެވެ.