ޚަބަރު

"އަމާޒަކީ އެއްބަސްވުންތައް ހަގީގަތަކަށްވެ، ރައްޔިތުންނަށް ފައިދާވުން"


  • ވިޔަފާރި އާއި އިޤްތިޞާދީ ކަންކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތައް ކުރައްވާފައިވާކަމަށް ވިދާޅުވި

  • އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހަގީގަތަކަށް ހަދައި އޭގެ ފާއިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިއްވެވި ދެޤައުމުގެ ގުޅިފައިވާ ބަޔާނުގައެވެ. މިބަޔާނުގައި އެމަނިކުފާނު ވަނީ ލަންކާއަށް ވަޑައިގެންނެވުމުން އެ ޤައުމުން އެމަނިކުފާނުގެ ދެ ކަނބަލުންނާއި ރާއްޖޭގެ ވަފުދަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔެކައާއެކު އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން، ދޭދޭ ޤައުމުގެ ކަންކަމާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަންކަމުގައި މަޝްވަރާ ބަދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ތަޢުލީމާއި ތަމްރީނުގެ ދާއިރާއިންނާއި އަރުޝީފުކުރުމުގެ ދާއިރާ އާއި ސިއްޙަތާއި ދިފާޢީ ދާއިރާ އަދި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރު ތަރައްގީ ކުރުމުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ މި އެއްބަސްވުންތައް ހަގީގަތަކަށް ހައްދަވައި ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ފާއިދާ ހޯދައިދެއްވުން ކަމަށް ވިދާޅުވިއެވެ.

ވިޔަފާރި އާއި އިޤްތިޞާދީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މުހިންމު މަޝްވަރާތައް ކުރެއްވިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްގީގައި ލަންކާގެ ދައުރަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވަނީ އިންވެސްޓްމަންޓުތައް އިތުރު ކުރުމަށާއި އިންވެސްޓަރުންނާ ރަހުމަތްތެރި ވެއްޓެއް ގާއިމުކޮށް، ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވާލުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

އެގޮތުން، މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ވެގެންދާނީ ދެ ޤައުމުގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި އުފެއްދުންތެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުކުރުމުގެ ފުރުސަތު ލިބި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ބީއެމްއެލްގެ ބްރާންޗެއް ލަންކާގައި ގާއިމުކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި ލަންކާގެ މާކެޓަށް ރާއްޖޭގެ މަހުގެ ޕްރިމިއަމް އުފެއްދުންތައް ތައާރަފުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.